އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ލުޓޮން ބަލިކޮށްފިއެވެ.

ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން 2-1 އިން ލުޓޮން ބަލިކޮށްފައިވާ އިރު، މޮޅާއެކު ޔުނައިޓެޑް ވަނީ ހަވަނައިގައި މަގާމު ދަމަހައްޓައިފައެވެ. އެޓީމަށް 25 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، މިހަފުތާގައި ބަލިވި ޓޮޓެންހަމްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ޓޮޓެންހަމް ފަސްވަނައިގައި 25 މެޗުން 47 ޕޮއިންޓާއެކު އޮތް އިރު، ލިވަޕޫލާއި އާސެނަލް އަދި މެންޗެސްޓާ ސިޓީގެ އިތުރުން ދެން ގަދަ ހަތަރެއްގައި މިވަގުތު އޮތީ އެސްޓަން ވިލާއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ފެށުން ރަނގަޅުކުރި އިރު، ތަރިއަކީ މި ސީޒަނަށް ޓީމަށް ގެނައި ފޯވަޑް ރަސްމުސް ހޮއިލުންޑެވެ. 72 މިލިއަން ޕައުންޑަށް އެޓަލާންޓާއިން ގެނައި ފޯވަޑް، ރޭގެ މެޗުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައިދީފައިވާ އިރު، މިއީ އޭނާ ޖެހިޖެހިގެން ގޯލު ޖެހި ހަވަނަ މެޗެވެ.

މެޗުހެ 37 ވަނަ ސިކުންތުގައި ހޮއިލުންޑްގެ ފުރަތަމަ ގޯލު ފެނިގެން ދިޔަ އިރު، އެ ގޯލަކީ ލުޓޮންގެ އަމާރީ ބެލްގެ ގޯހުގެ ފައިދާ ނަގައި، ގޯލްކީޕަރު ތޯމަސް ކަމިންސްކީ ނައްޓާލާފައި އޭނާ ޖެހި ގޯލެކެވެ. އޭގެ ހަތް މިނެޓް ފަހުން، އަލެހާންޑްރޯ ގާނާޗޯގެ ބޯޅަ ގޯލަށް މިސްރާބު ބަދަލުކޮށްލައި ހޮއިލުންޑް ވަނީ މެޗުގެ ދެވަނަ ގޯލު ޖަހައިފައެވެ.

މެޗުގެ 14 ވަނަ މިނެޓުގައި ކާލްޓަން މޮރިސް ގޯލު ޖަހައި ލުޓޮންއަށް އުންމީދެއް ހޯދައި ދިން ނަމަވެސް، އިތުރު ގޯލެއް މެޗުގައި ފެނިގެން ނުދިޔައެވެ. ރޭގެ މެޗުގައި ޔުނައިޓެޑަށް އަނިޔާގެ މައްސަލަތަކެއް ދިމާވި އިރު، ލޫކް ޝޯއާއި ހެރީ މެގުއާގެ އިތުރުން ކަސެމީރޯވެސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.