ބޭނުންހާ ގޮތަކަށް ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްގެން މާދަމާ ތިބެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ވިސްނުމެއް ކަމަށް ވިދާޅުވެ، އިދިކޮޅު މަޖިލިސް މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފިއެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ނައިބު މަގާމުން އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފައި ވަނިކޮށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރައްވަންވީ ކަމަކީ ޒިންމާދާރުކަމާއެކީގައި ކުރިއަށް ވަޑައިގަތުން ކަމަށާއި ޒިންމާދާރުވުމަކީ ހަގީގީ މާނައިގައި ޒިންމާދާރުވުން ކަމަށެވެ، އަދި ވާނުވާ އެނގިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ނޭނގެނީ ކަމަށް ހީނުކުރެއްވުން އެދެން. އެކަމަކު އެއީ ރައްޔިތުން ބަލައިގަންނާނެ ގޮތެއް ނޫން. މި ގައުމުގައި ހަމަޖެހުމާއި އިންސާފު ގާއިމުވެގެންދިއުމަކީ ރައްޔިތުންގެ މަޖިލީހުގެ ބޮލުގައި ވެސް ވަރަށް ބޮޑު ޒިންމާއެއް އެޅިފައި އޮތް ކަމެއް. ބޭނުންހާ ގޮތަކަށް، ތިމަންނަމެން ބޭނުންވީމާ ބޭނުންހާ ގޮތަކަށް ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްގެން މާދަމާ ތިބެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ވިސްނުމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ކަންކަން ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ކަމަށް ހީނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އިންތިހާބަކަށް ކުރިމަތިލައިގެން އަނެއްކާވެސް ދާން ޖެހޭނީ ރައްޔިތުންގެ ކުރިމައްޗަށް ކަމަށެވެ.

"އިންތިހާބު އޮންނަ އިރުގައި، އެ އިންތިހާބުގައި ތިމަންނަމެންނަށް ކާމިޔާބުވާނެ ކަމަށް ހީކޮށް ބޭނުންހާ ގޮތަކަށް ގަވާއިދުތައް ބަދަލުކޮށްލީމާ، ކޮންތާކުތޯ ރައްޔިތުންނަށް ޖަވާބުދާރީދޭނީ. ކިހިނެއްތޯ އެ ޖަވާބުދެނީ، ނުދެވޭނެ އެ ޖަވާބެއް. ކޮން އަސާސެއްތޯ ދައްކަން އޮތީ، ނޯންނާނެ ދެއްކޭނެ އަސާސެއް. އަޅުގަނޑުމެން 14 ހަފުތާއަށް ކަނޑައެޅި ކަންކަން 100 އިންސައްތަ އިރާދަކުރެއްވިއްޔާ ކާމިޔާބުކަމާއެކު ނިންމަމުން މިދަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިރުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް އިސްލާހުތަކެއް ގެންނަން ފާސްކުރި އިރު، އޭގެ ތެރެއިން އެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބަނޑާރަނައިބު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައެވެ.

މަޖިލީހުގައި ހިމެނޭ ހުސްގޮނޑި ނުހިމެނޭ ގޮތަށް މަޖިލީހުގެ ކޯރަމް ގުނަން ކަނޑައަޅައި މި އިސްލާހު ގެނަސްފައިވަނީ މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރު ކުރުމަށެވެ.

އެގޮތުން (ކ)ގެ ގޮތުގައި އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި އެވަގުތު ދެމިތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ. އަދި (ވ) ގައި ބުނަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފިނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.

ގަވާއިދަށް މި އިސްލާހު ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިހާބު ވުމާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.

އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިހާރުގެ ޑިފެންސް މިނިސްޓަރު، ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.

ގާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ދާއިރާތަކަށް މެންބަރުން އިންތިހާބުވެސް ނުކުރެވޭނެތީއެވެ. ގާނޫނު ބުނާގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތްނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އެހެންކަމުން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހުގެ މެންބަރުން ގުނަމުން ގެންދަނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.

ގަވާއިދު ކުރިން އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

މަޖިލިސް ގަވާއިދުގެ 49 މާއްދާގެ އިތުރުން ގަވާއިދުގެ 202 ވަނަ މާއްދާ އާއި ގަވާއިދުގެ 203 ވަނަ މާއްދާއަށް ވެސް މަޖިލީހުން ވަނީ އިސްލާހު ގެނެސްފައެވެ. އެއީ އަޒުލު ކުރުމުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށްގެންދަން ޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައި އޮތް ގޮތް ބަދަލުކޮށް އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެ ކަމަށާއި އެ މައްސަލަ ކޮމިޓީގައި ކުރިއަށްދާ އިރުވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ. ނަމަވެސް އެ އިސްލާހުގެ މައްސަލައެއް ބަންޑާރަނާއިބު ސުޕްރީމް ކޯޓަށް ހުށަހެޅި މައްްސަލައިގައި ފާހަގަކޮށްފައެއް ނުވެއެވެ.

ހުސްގޮނޑި ނުލައި މަޖިލީހުގެ ކޯރަމް ގުނޭގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން، ގަވާއިދަށް ގެނައި އެ އިސްލާހަށް އަމަލު ނުކުރުމުގެ ވަގުތީ އަމުރަކަށްވެސް ސުޕްރީމް ކޯޓުގައި އެދުނެވެ.

އެކަމާ ގުޅިގެން މަޖިލިސް ގަވާއިދުގެ 49 ވަނަ މައްދާއަށް ގެނައި އިސްލާހުތަކަށް އަމަލު ނުކުރުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއްވެސް ނެރުނެވެ. ނަމަވެސް އެ އަމުރަށް ކިޔަމަންނުވެ ގަވާއިދަށް މަޖިލީހުން ގެނައި އިސްލާހުތަކަށް އަމަލު ކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުން ފެށުމަށް ތާވަލުކޮށްފައިވަނީ މިމަހުގެ 25 ގައެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމާއެކު ރައީސް އަޒުލުކުރެވޭ ގޮތަށް ގެނައި އިސްލާހު އެހެން މާއްދާއަކަށް ބަދަލުކުރުމަށް ކޮމިޓީން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.