ގައުމަށް ހަމަޖެހުން އަންނާނީ ސިޔާސީ ފަރާތްތަކަށް ވެސް މިނިވަންކަން ލިބިގެން ކަމަށާއި ވައުދުވެވަޑައިގެންނެވީ އަނިޔާވެރިނުވުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ގައުމަށް ހަމަޖެހުން ގެންނަން ޖެހޭކަން ފާހަގަކުރައްވައި، އެކަން ކުރެވެން އޮތީ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އައިސްގެން ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި ސިޔާސީގޮތުން، ސިޔާސީ ވިސްނުމެއްގައި، ސިޔާސީ މަގާމެއްގައި ހުރުމަކީ އަސާސެއް ކަމަށް ކަނޑައަޅައިގެން އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް ކެމްޕޭނުގައި ދަންނަވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑު ޔަގީންކުރާ ކަމަކީ މި ދެންނެވި ފަދައިން ހަމަޖެހުން އަންނަން ޖެހޭނެ ކަމަށް. ސިޔާސީގޮތުން އެއްވެސް ފަރާތަކަށް އަނިޔާއެއް ލިބިގެން ނުވާނެ ކަމަށް. އަޅުގަނޑުމެންނަށް މި ފެންނަނީ މީގެ ކުރީގައި ގައުމުގެ ވެރިކަން ކޮށްފައި ތިބި ފަރާތްތައް ވެރިކަމުން ނިމުނީމާ ގެންގޮސް ހައްޔަރުކުރާތަން. އެކަމެއް އަޅުގަނޑުގެ ކިބައިން ނުފެންނާނެ. އެހެންވެގެންނޭ ކިޔާފައި ހައްޔަރުކުރާނެ މީހަކު ނުހުންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަރީއަތުގެ ތެރެއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށާއި މި ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން އެދަނީ ފުރިހަމަ މިނިވަންކަން މަތީގައި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ވެސް އިންސާފު ލިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިހާ ދުވަސް ވެގެންދިޔަ އިރުގައި، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިޒް ޑިނައިޑް. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ޖުޑިޝަރީގެ ތެރެއިން ލިބެންވާނެ. އެ ޖުޑިޝަރީ އެ ހިނގަނީ އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ލިބި، ޖަސްޓިސް ސާވް ވުމަކީ މި ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް، އެމަނިކުފާނަށް ވެސް އޮތް އެންމެ އިންސާފުވެރި ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ ޝަރީއަތުގެ ތެރެއިން ރައީސް ޔާމީނަށް ދާދި އަވަހަށް އިންސާފު ލިބިގެންދިއުން ކަމަށާއި އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އަދުލުވެރިކަން އެންމެ ފުރިހަމަ މިނުގައި ގާއިމުކޮށްދޭނެ ސަރުކާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު