ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންސާފު ލިބެން ޖެހޭނެ ކަމަށާއި އެއީ މި ގައުމަށް ވެސް އެންމެ އިންސާފުވެރި ގޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޭދުއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މީގެ ކުރިން ފެންނަމުންދިޔައީ ގައުމުގެ ވެރިކަން ކޮށްފައި ތިބި ބޭފުޅުން ވެރިކަން ނިމުނީމާ ގެންގޮސް ހައްޔަރުކުރާތަން ކަމަށާއި އެމަނިކުފާނުގެ ކިބައިން އެކަމެއް ނުފެންނާނެ ކަމަށެވެ. އަދި އެހެންވެގެންނޭ ކިޔާފައި ހައްޔަރުކުރާނެ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި މިހާ ދުވަސް ވެގެންދިޔަ އިރުގައި، ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން. އެމަނިކުފާނަށް ވެސް އިންސާފު ލިބެން ޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން. ޖަސްޓިސް ޑިލޭޑް އިޒް ޖަސްޓިޒް ޑިނައިޑް. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ޖުޑިޝަރީގެ ތެރެއިން ލިބެންވާނެ. އެ ޖުޑިޝަރީ އެ ހިނގަނީ އަޅުގަނޑުމެންގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި. އެހެންވީމާ އެމަނިކުފާނަށް ވެސް އިންސާފު ލިބި، ޖަސްޓިސް ސާވް ވުމަކީ މި ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް، އެމަނިކުފާނަށް ވެސް އޮތް އެންމެ އިންސާފުވެރި ގޮތް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އުންމީދުކުރައްވަނީ ޝަރީއަތުގެ ތެރެއިން ރައީސް ޔާމީނަށް ދާދި އަވަހަށް އިންސާފު ލިބިގެންދިއުން ކަމަށާއި އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ ކަމަށެވެ. އަދި މި ސަރުކާރަކީ އަދުލުވެރިކަން އެންމެ ފުރިހަމަ މިނުގައި ގާއިމުކޮށްދޭނެ ސަރުކާރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް އަނިޔާވެރިއެއް ނުވާނަން، ކުޑައެއް ބޮޑެއް ނޯންނާނެ. ވާނުވާގައި ތިބޭ މީހުން ވެސް، އެއީ އާދައިގެ ބަހުން ބުނާ އެއްޗެއް، އޭގެ މާނައަކީ ޝަރީއަތް ނުނިމި ލަސްވެގެންދާ ދިއުން. އެތައް ބަޔަކު، އެތައް އަހަރެއް ވެއްޖެ. އަޅުގަނޑު ވައުދުވިން އެ ފަރާތްތަކަށް އިންސާފު ގާއިމުކޮށްދޭނެ ކަމަށް. އެއީ އިންސާފު ލިބެން ޖެހޭ އެތައް ސަތޭކަ ރައްޔިތުން. އެމީހުންނަށް ވެސް މި އަދުލުވެރިކަން ލިބެންޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ވިސްނުމެއްގައި އަނިޔާވެރިނުވުމަށާއި، އަދުލުވެރި ވެރިކަމެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށެވެ.