ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ޝާހިދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށާއި މެމްބަރުންގެ ތާއީދާއި އެއްބާރުލުން ދިނުން އެދޭ ކަމަށެވެ.

"އާ ފޯރިޔަކާއި އާ ޖޯޝަކާއެކު އާބާރެއްގައި އެމްޑީޕީ ނުކުމެ، ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލައިލި ކޮންމެ ދިމާލަކުން މިއަދު މި އޮތީ ފެންނާށެވެ،" ޝާހިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އިރު، އެމްޑީޕީގެ ބައެއް އިސްވެރިންނާއި އެކްޓިވިސްޓުންގެ އިތުރުން ގިނަ އަދަދެއްގެ މެމްބަރުންވެސް ވަނީ ޝާހިދަށް ކެމްޕޭން ކުރަން ފަށައިފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ރައީސްގެ މަގާމުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފައެވެ. އެ މަގާމުގައި އަދިވެސް ހުންނެވީ އެ މަނިކުފާނެވެ.