ސިއްހަތާމެދު ފަރުވާ ބެހެއްޓުމަކީ ހުރިހާ ދުވަސްވަރެއްގައި ވެސް މީހުން ކުރަމުން އައިސްފައިވާކަމެކެވެ. ހަމައެއާއެކު މީހުން ހޭލުންތެރިވީ ވަރަކަށް އަމިއްލަ ހަށިގަނޑަށް ފަރުވާތެރިވުން އިތުރުވެގެން ދެއެވެ. ހަށިގަނޑަށް ބޭނުންވާ ކާނާއާއި ވިޓަމިނާއި އެހެނިހެން މައުދަންތައް ހަށިގަނޑަށް ލިބުމަކީ ބޭނުންތެރިކަމެއްކަން އެންމެންވެސް ދަނެއެވެ. ނަމަވެސް ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެ ދުވަހަކު މަލްޓި ވިޓަމިން ނެގުމަކީ ނުވަތަ ސަޕްލިމެންޓެއް ބޭނުންކުރުމަކީ ބޭނުންތެރިކަމެއް ހެއްޔެވެ؟
މިޒަމާނުގައި ދަޅުތަކުގައާއި ޕެކެޓްތަކުގައި ބަންދުކޮށްފައި ހުންނަ ސިއްހީ ކާނާ ނުވަތަ ޑައިޓޭރިއަން ސަޕްލިމެންޓްތައް ހުރެއެވެ. ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކުގެ ވާހަކަ ދައްކާއިރު މިކަމަށް އެއްޗެއް ބުނެލުން މުހިންމެވެ.
"ޑައިޓަރީ ސަޕްލިމެންޓް" މި ލަފުޒުގައި ޝާމިލު ކަންތައްތަކެއް ހިމެނެއެވެ. އެއީ އޭ، ބީ، ސީ، ޑީ، އީ، އަދި ކޭ ފަދަ ވިޓަމިންތަކާއި، ކެލްސިއަމާއި، އިތުރު ދިހަވަރަކަށް މިޓަމިންސްއާއި މިނެރަލްސް އެއްކޮށްފައި ހުންނަ އެއްޗެކެވެ. މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ވައްތަރުތަކާއި، އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ފޯމިއުލާތައް ވެސް ހުންނައިރު، އެ ފޯމިއުލާތަކުގައި ތަފާތު ވިޓަމިންތަކާއި މިނަރަލްސް އަދި އެހެނިހެން ކޮމްޕައުންޑްތައް އެއްކޮށްފައި ހުރެއެވެ.
ކޮންމެ ދުވަހަކު ސަޕްލިމެންޓެއް ނެގުން މުހިންމު ހެއްޔެވެ؟
ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ގިނަ ބަޔަކު ސަޕްލިމެންޓް ނަގާއިރު، އެއީ ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭ ނުވަތަ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެއް ކަމުގެ ވަރުގަދަ ހެއްކެއް ނެތެވެ. ސިއްހީ މައްސަލައަކާ ނުލައި ދިރިއުޅޭ ގިނަ މީހުންނަށް އެކަށީގެންވާ އަދަދަކަށް މޭވާއާއި ތަރުކާރީ ހިމެނޭ ވަޒަންހަމަ ޑައިޓެއް ކެއުމުން ބޭނުންވާ ހުރިހާ މުހިއްމު ވިޓަމިންތަކާއި މިނަރަލްތައް ލިބިގެންދެއެވެ.
ސަޕްލިމެންޓެއް ބޭނުންވާނީ ކޮން އިރަކު ހެއްޔެވެ؟
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ސަޕްލިމެންޓް ނެގުމުން އެހީތެރިވެދެވޭނެ ހާލަތްތަކެއް އެބަހުއްޓެވެ. އެގޮތުން:
o ވިޓަމިން މަދުވުން: ލޭގެ ޓެސްޓަކުން ވަކި ވިޓަމިނެއް ނެތްކަން ކަށަވަރުވެއްޖެނަމަ ސަޕްލިމެންޓެއް ބޭނުންވެދާނެއެވެ.
o ވިޓަމިން ލިބުމުގައި އުނދަގޫވުން: ބައެއް މީހުންނަށް ކާނާއިން އެކަށީގެންވާ ވަރަށް ވިޓަމިން ހޯދުމަށް އުނދަގޫވެއެވެ.
o އަދި ހަމަ ވަކިވައްތަރެއްގެ ކާނާ ނުކާ މީހުން: މިސާލަކަށް ޖަނަވާރުގެ މަހާއި ބިސް ނުކާ މީހުންނަށް ވިޓަމިން ބީ-12 ބޭނުންވެދާނެއެވެ.
o ހަޖަމުކުރުމުގެ މައްސަލަތަށް ދިމާވާ މީހުން: ވިޓަމިން ބީ-12 އަދި ބީ-6 ގެ މިންވަރު ދަށްވާނަމަ އެފަދަ މީހުންނަށް މި ވިޓަމިންތައް ބޭނުންވެދާނެއެވެ.
o ކައްޓަށް ދިމާވާ އެކިއެކި މައްސަލަތަކުގެ ސަބަބުން: ކަށިތައް ވަރުގަދަ ކުރުމަށް ވިޓަމިން ޑީ އާއި ކެލްސިއަމް ބޭނުންވެދާނެއެވެ.
o ކިރުގެ ބާވަތްތައް ބޭނުންކުރުމުން އެކިއެކި އެލާޖީ ކުރިމަތިވާ މީހުންނަށް: ވިޓަމިން ޑީ އާއި ކެލްސިއަމް އިތުރަށް ބޭނުންވެދާނެއެވެ.
ސަޕްލިމެންޓްތަކާ ބެހޭގޮތުން ސިއްހީ މާހިރުންގެ މެދުގައިވެސް ޚިޔާލު ތަފާތެވެ:
o ބައެއް ޑޮކްޓަރުންގެ ވިސްނުމުގައި އެއީ ކޮންމެހެން ނަގަންޖެހޭ އެއްޗެއް ނޫނެވެ.
o އަނެއްބައި ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި އެއީ ގެއްލުމެއް ނުލިބޭ ކެއުމުގައި ހުރި އުނިކަންކަން ފުރިހަމަ ކުރެވޭނެ އެއްޗެކެވެ.
o ދިރާސާތަކުން ދައްކާ ގޮތުގައި ޑޮކްޓަރު ދީފައިވާ ގޮތަށް ސަޕްލިމެންޓް ނެގުމުން އާންމުކޮށް ބޮޑެތި މައްސަލަތަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އަދި އެއިން ފައިދާތަކެއް ލިބެއެވެ.
އަމިއްލައަށް ހަމަ ހުރެފައި ސަޕްލިމެންޓެއް ނަގަން ފެށިދާނަތަ؟
އަބަދުވެސް ފުރަތަމަ ޑޮކްޓަރުގެ ލަފާ ހޯދުން މުހިންމެވެ. އެ މީހަކަށް ސަޕްލިމެންޓެއް ބޭނުންވޭތޯއާއި، ތިބާއަށް ރައްކާތެރި ސަޕްލިމެންޓްތަކަކީ ކޮބައިތޯ ބެލައި މަގުދައްކައިދޭނެބަޔަކީ ކާނާއާ ގުޅޭ މާހިރުންނެވެ.
ސިއްހަތު
ސިއްހަތު
ސިއްހަތު
ސިއްހަތު