އެމެރިކާގައި ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އާ ބާވަތެއްގެ ސަންސްކްރީނެއް ފިހާރަތަކުން ލިބެން ފަށައިފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މިދިޔަ ޖޫން މަހު ހުއްދަ ދިން "ބެމޮޓްރިޒިނޯލް" (ބީއީއެމްޓީ) ހިމެނޭ ސަންސްކްރީންތައް މިހާރު އެމެރިކާގެ ބާޒާރަށް ނެރެފައިވާއިރު، މީގެ ތެރޭގައި ނިއުޓްރޮޖީނާ ފަދަ ކުންފުނިތަކުގެ އުފެއްދުންތައް ހިމެނޭ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވެއެވެ.

ބެމޮޓްރިޒިނޯލްއަކީ ޔޫރަޕާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި 1999 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ ކެމިކަލެކެވެ. އެންވަޔަރަމަންޓަލް ވޯކިން ގްރޫޕްގެ ޗީފް ސައިންސް އޮފިސަރު ޑޭވިޑް އެންޑްރޫސް ބުނާ ގޮތުގައި، އެމެރިކާގެ ރައްޔިތުން އެތައް އަހަރެއް ވާންދެން ބޭނުންކުރަމުން އައީ ޒަމާނާ ނުގުޅޭ ސަންސްކްރީން ޓެކްނޮލޮޖީއެއް ކަމަށާއި، ބެމޮޓްރިޒިނޯލްއަށް ހުއްދަ ލިބުމާއެކު އެކަމަށް ބަދަލު އަންނާނެއެވެ. މިއީ އިރުގެ އަލިން ލިބޭ ޔޫވީއޭ އަދި ޔޫވީބީ ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ، އަދި ހަންގަނޑުގައި ހުދުކުލައިގެ ލަކުނު ނުހުންނާނެ ބާވަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މީގެ ކުރިން އެމެރިކާގައި ވިއްކާ ސަންސްކްރީންތަކުގައި މި ދެ ބާވަތުގެ ދޯދިން ރައްކާތެރިކަން ހޯދުމަށް ގިނަ ކެމިކަލްތަކެއް އެއްކުރަން ޖެހެއެވެ.

ނިއުޔޯކް ޔުނިވަސިޓީ ލެންގޯން ހެލްތުގެ ހަމުގެ ހާއްސަ ޑޮކްޓަރު ޖެނިފާ ސްޓެއިން ބުނި ގޮތުގައި، މިއީ މުޅިން އާ އިންގްރީޑިއަންޓެއް ނޫން ކަމަށާއި، މިއީ ހަންގަނޑުގެ ތެރެއަށް ވަދެ ލޭގެ ތެރެއަށް ދާނެ މާއްދާއެއް ނޫންކަން ދިރާސާތަކުން ދައްކާ ކަމަށެވެ. އެފްޑީއޭއިން ބުނެފައިވާ ގޮތުގައި މި މާއްދާއަކީ އުމުރުން ހަ މަހުން މަތީގެ ކުޑަކުދީންނާއި ބޮޑެތި މީހުންނަށްވެސް ރައްކާތެރި އެއްޗެކެވެ.

ޑަޗް ކުންފުންޏެއް ކަމަށްވާ ޑީއެސްއެމް ނިއުޓްރިޝަނަލް ޕްރޮޑަކްޓްސްއިން "ޕާސޯލް ޝީލްޑް" ގެ ނަމުގައި މި އިންގްރީޑިއަންޓް އެމެރިކާގައި ވިއްކަން ފަށާފައިވާއިރު، 18 މަސްދުވަހުގެ އެކްސްކްލޫސިވިޓީ މުއްދަތަކަށްފަހު އެހެން ކުންފުނިތަކަށްވެސް މި މާއްދާ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.