އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އެއްވަނަ މަގާމު ދެމެހެއްޓި އިރު، އާސެނަލުން އަނެއްކާވެސް ބޮޑު މޮޅެއް ހޯދައިފިއެވެ.
ލިވަޕޫލުން މިއަދު ރަށުން ބޭރުގައި ކުޅުނު މެޗުގައި ބްރެންޓްފޯޑް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އާސެނަލުން މިރޭ ރަށުން ބޭރުގައި ބާންލީ ކައިރިން 5-0 އިން މޮޅުވި އިރު، މިއީ އާސެނަލުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ. މިރޭގެ މެޗުގެ ކުރިން ވެސްޓްހަމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި އެޓީމުން 6-0 ގެ މޮޅެއް ހޯދި އިރު، މިވަގުތު އެޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ.
ލިވަޕޫލް މިވަގުތު އެއްވަނައިގައި 25 މެޗުން 57 ޕޮއިންޓާއެކު އޮތް އިރު، އާސެނަލް ދެވަނައިގައި އޮތީ 25 މެޗުން 55 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިރޭ ޗެލްސީ ބަލިކޮށްފިނަމަ، އެޓީމު އެއްވަނައަށް އަރާނެއެވެ.
ލިވަޕޫލުން މިރޭ ކުޅުނު މެޗުގައި އެޓީމުން ފެށުން ރަނގަޅުކޮށް، 35 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ޑާވިން ނުނިއޭޒް ޖެހި ގޯލުން ލިވަޕޫލް ލީޑު ނެގި އިރު، ބެންޗުން ފެށި މުހައްމަދު ސަލާހް، 44 ވަނަ މިނެޓުގައި ކުޅުމަށް ނުކުތެވެ. އެއީ ޑިއޭގޯ ޖޮޓާއަށް އަނިޔާވުމުންނެވެ.
ސަލާހް ކުޅެން ނުކުތުމާއެކު އޭނާގެ ތަފާތު ފެނުނު އިރު، އެލެކްސިސް މެކް އަލިސްޓާ ވަނީ 55 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ސަލާހް ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލުވެސް ޖަހައިފައެވެ.
އިވާން ޓޮނޭ 75 ވަނަ މިނެޓުގައި ޖެހި ގޯލުން ބްރެންޓްފޯޑުން ކުޑަ ހިތްވަރެއް ހޯދި ނަމަވެސް، ނިމެންދަނިކޮށް ކޯޑީ ގަކްޕޯ ޖެހި ގޯލުން ލިވަޕޫލް މޮޅު ޔަގީންކުރިއެވެ.
އާސެނަލުން ފޯމުގައި މެޗު ކޮންޓްރޯލްކޮށް، ތަފާތު ރޫހެއްގައި މިރޭގެ މެޗު ކުޅެފައިވާ އިރު، ކުރީކޮޅުގައި މާޓެން އޮޑެގާޑު ޖެހި ގޯލުން އެޓީމު ލީޑުވެސް ނެގިއެވެ. އޭގެ ފަހުން ހާފު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއާއެކު ބުކަޔޯ ސަކާ ޖެހި ގޯލުން އާސެނަލް ލީޑު ފުޅާކުރި އިރު، ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ސަކާ ވަނީ އާސެނަލަށް އިތުރު ގޯލެއްވެސް ޖަހައިދީފައެވެ.
މެޗުގެ ފަހު ހާފުގައިވެސް އާސެނަލްގެ ޓެމްޕޯއަށް ބަދަލެއް ނުގެނެސް އެޓީމުން މެޗު ކޮންޓްރޯލް ކުރި އިރު، އަނެއް ދެ ގޯލު ޖެހީ ލިއާންޑްރޯ ޓްރޮސާޑާއި ކައި ހަވާޓްސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު