މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަށް ވަގުތު އޮއްވައި ކްލައިމެޓް ފަންޑިން ލިބެން ޖެހޭނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޖަރުމަނުގެ، މިޔުނިކްގައި ކުރިއަށްގެންދާ ސެކިޔުރިޓީ ކޮންފަރެންސްގެ ތެރެއިން ކްލައިމެޓް ފައިނޭންސިން އާ ގުޅޭ ޕެނަލް ޑިސްކަޝަންގައި ޒަމީރު ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ ތެރެއިން ޖައްވަށް އެންމެ މަދުން ވިހަގޭސް ބޭރުކުރަނީ ރާއްޖެއިން ކަމަށެވެ. ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ އަދަދަކީ 0.003 ޕަސެންޓު ކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެން އެކުވެ ރާއްޖެ ފަދަ މޫސުމީ ނުރައްކާ ބޮޑު ގައުމުތަކަށް ވަގުތު އޮއްވައި އެކަށީގެންވާ ކްލައިމެޓް ފަންޑިން ލިބޭކަން އެބަ ކަށަވަރުކުރަން ޖެހޭ" ޒަމީރު ވިދާޅުވިއެވެ.
"މިއަދު ހޭދަ ކުރާ ކޮންމެ ޑޮލަރަކުން، މާދަމާ އަޅުގަނޑުމެންނަށް 15 ޑޮލަރު ސަލާމަތް ކުރެވޭނެ"
ޒަމީރު ވިދާޅުވީ ރާއްޖެއަށް މޫސުމީ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި ނަމަވެސް މޫސުމީ ބަދަލުތަކާ ދެކޮޅަށް ދިވެހިން ކުރާ މަސައްކަތުގެ އަޒުމެއް ނުގުޑާނެ ކަމަށެވެ.
"އަޅުގަނޑުމެން ދަބަސް ހިފައިގެން ގެ ދޫކޮށްފައެއް ނުދާނަން. މި ރަށްތަކުގައި އަޅުގަނޑުމެން ގެދޮރު ބިނާކޮށްގެން ދިރިއުޅޭތާ 4،000 އަހަރު ވެއްޖެ" ޒަމީރު ވިދާޅުވިއެވެ.
ރާއްޖެއިން މިހާރު އަންނަނީ ތިމާވެއްޓާ ރައްޓެހި "ސޭފް އައިލެންޑް" ކޮންސެޕްޓަށް އާ ރަށްތައް ތަރައްގީކުރަމުން ކަމަށާއި އެ ރަށްތައް ތަރައްގީކުރަނީ މޫސުމީ ބަދަލުގެ ނުރައްކާތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރަން ކަމަށް ޒަމީރު ވިދާޅުވިއެވެ. ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަ އިއާދަކުރަނިވި ހަކަތައިގެ ޕަސެންޓަކީ ހަތަރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ މަޝްރޫއުތައް ހިންގުމަށް މާލީ އެހީ ބޭނުންވާ ކަމަށާއި މާލީ އެހީ ދިނުމުގެ ކަންކަމުގައި ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ މަލްޓިޑައިމެންޝަލް ވަލްނަރަބިލިޓީ އިންޑެކްސްއަށް ރިއާޔަތްކުރުން މުހިންމު ކަމަށް ޒަމީރު ވިދާޅުވިއެވެ.
ތިމާވެއްޓާ ރަށްޓެހި މަޝްރޫއުތަކުން މާލީ މަންފާ ނެރެވިދާނެތޯ ބޭންކުތަކުންނާއި ޕްރައިވެޓް ފައިނޭންޝިއަލް އެޖެންސީތަކުން ސުވާލުކުރާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ގްލޯބަލް ފައިނޭންޝިއަލް ރީސްޓްރަކްޗާ ކޮށްގެން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ބޭނުންވާ މާލީ އެހީ ފަސޭހައިން ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު