މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 381 ކެންޑިޑޭޓުންގެ ތެރެއިން، ނުވަ ކެންޑިޑޭޓެއްގެ ފޯމު ބާތިލުކޮށްފައިވާ ކަމަށާއި އަދި ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
އިންތިހާބާ ބެހޭ މަރުކަޒުގައި މިއަދު ވަނީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައެވެ.
ހަބީބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަހަރުގެ މަޖިލިސް އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަ ކުރައްވާނެ ކަމަށެވެ. އެއީ 42 އަންހެން ކެންޑިޑޭޓުންނާއި 326 ފިރިހެން ކެންޑިޑޭޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބަށް 84 ކެންޑިޑޭޓުން، ޕީއެންސީން 89 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސްއިން 39 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 10 ކެންޑިޑޭޓުން، އަދާލަތު ޕާޓީން ހަތަރު ކެންޑިޑޭޓުން، އެމްޑީއޭން ހަތަރު ކެންޑިޑޭޓުން، އެމްއެންފީން ދެ ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 130 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
ސިޔާސީ ޕާޓީތަކުން މަޖިލިސް އިންތިހާބަށް ވާދަކުރާ ޖުމްލަ ކެންޑިޑޭޓުންގެ އަދަދަކީ 238 އެވެ. އެއީ 22 އަންހެން ކެންޑިޑޭޓުންނާއި 216 ފިރިހެން ކެންޑިޑޭޓުންނެވެ. އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރައްވަނީ 20 އަންހެން ކެންޑިޑޭޓުންނާއި 110 ފިރިހެން ކެންޑިޑޭޓުންނެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުން. ނުވަ ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނޭ. ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސްއިން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ ހަތަރު ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންދަވާފައި" ހަބީބު ވިދާޅުވިއެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފައިވާ ގޮތާއި އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މައުލޫމާތު އީސީން މިއަދުން ފެށިގެން އާންމުކުރަމުންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު