ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ސުއޫދު، އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައި ސުއޫދަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއެވެ. ހުވައި ކުރެއްވުމަށްފަހު ފަނޑިޔާރު ސުއޫދު ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.

ފަނޑިޔާރު ސުއޫދު އެ މަގާމަށް އައްޔަން ކުރެއްވީ ޖޭއެސްސީގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި،ޖޭއެސްސީގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ޖޭއެސްސީގައި ކުރިން ހުންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ފަނޑިޔާރު ޝުޖޫން، ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރައްވާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ. ފަހުން ފަނޑިޔާރު ޝުޖޫން ވަނީ ޖޭއެސްސީގެ ވައިސް ޗެއާގެ މަގާމަށް އިންތިހާބު ކުރައްވައިފައެވެ.

ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަރާތުން އައްޔަންކުރާ މެމްބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން އެ ކޮމިޝަނަށް ކަނޑައަޅާ މެމްބަރެއްގެ ދައުރު ހަމަވުމުން އިތުރު ދައުރަކަށް އައްޔަން ނުކުރެވޭނެއެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ ހައިސިއްޔަތުން، ފަނޑިޔާރު ޝުޖޫން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ޖޭއެސްސީގައި ފަނޑިޔާރު ޝުޖޫންގެ ދައުރު ހަމަނުވަނީސް އެ މަގާމަށް ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކުރެއްވި ސަބަބެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.