ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗުތައް ރޭ ފަށާފައިވާ އިރު، ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ކުޅުނު މެޗުން ބަލިވި އިރު، ޕީއެސްޖީން ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ބަޔާނުން ލާޒިއޯ އަތްދަށުވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭ ޕީއެސްޖީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލް ސޮސިއެޑާޑްގެ މައްޗަށް 2-0 އިން ކުރިހޯދައި އެޓީމުން ވަނީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފައެވެ.

ލާޒިއޯއިން ރޭ ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. މެޗުގެ 69 ވަނަ މިނެޓުގައި ފެނުނު އެ ގޯލަކީ ޕެނަލްޓީއަކުން ކެޕްޓަން ސީރޯ އިމޯބިލޭ ޖެހި ގޯލެކެވެ. އެ ގޯލަށް ރެފެރީ ޕެނަލްޓީ ދިނީ ޑަޔޮޓް އުޕަމެކާނޯ، ގުސްޓާވް އިސާކްސެންއަށް ކުރި ފައުލަކަށެވެ. އެފައުލަށް ރެފްރީ ވަނީ އުޕަމެކާނޯއަށް ރަތް ކާޑުވެސް ދައްކައިފައެވެ.

އެންމެފަހުން ލީގުގައި ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެފައިވާ ބަޔާން ރޭގެ މެޗުން ބަލުވެފައިވާ އިރު، އެޓީމުގެ ކޯޗު ތޯމަސް ޓުޗެލްއަށް ޕްރެޝަރު ބޮޑުވަމުންދާ ކަމަށް ނޫސްތައް ބުނެއެވެ. އެހެން ނަމަވެސް، ޓުޗެލް އެންމެފަހުންވެސް ބުނެފައި ވަނީ އޭނާއަށް މާ ބޮޑު ޕްރެޝަރެއް ބޯޑުން ނުކުރާ ކަމަށެވެ.

ރޭ ޕީއެސްޖީން ސޮސިއެޑާޑް ކޮޅަށް ދެ ގޯލު ޖެހި އިރު، އެ ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ޕީއެސްޖީން ލީޑުނެގީ މެޗުގެ 58 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ކިލިއަން އެމްބާޕޭ ޖެހި ގޯލުން އެޓީމު ލީޑު ނެގި އިރު، އަނެއް ގޯލު، އޭގެ 12 މިނެޓް ފަހުން ޖެހީ ބްރެޑްލީ ބާކޯލާއެވެ.