އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި މުވައްޒަފަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކަތް ކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން ޕްރޮޖެކްޓްސްތަކުގެ ތެރޭގައި ކުރިއަށް ގެންދަން ކެބިނެޓުން ނިންމާފައި އެކަމުގެ އޮނިގަނޑުވެސް ފާސްކޮށްފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެންމެ އަވަހަށް ފެށޭ ހައުސިން ޕްރޮޖެކްޓްތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު އެކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މި އުޅެނީ. ވަރަށް އުންމީދުކުރަން މިއަހަރުގެ ތެރޭގައި އެ ފުރުސަތު ލިބިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކިއެކި ސަރަހައްދުތަކުގައި ހައުސިން މަޝްރޫއުތައް ހިންގާ އިރު، އެ މަޝްރޫއުތަކުންވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކުރާ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދޭނެ ކަމަށެވެ.
"މާނައަކީ ހަމައެކަނި މާލެ ހުޅުމާލެ މި ސަރަހައްދުގައި އަޅާ ހައުސިން ޔުނިޓްތަކަކުން ނޫނޭ ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ފްލެޓްތައް ނޫނީ ހައުސިން ޔުނިޓް ލިބޭނީ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހައުސިން ޕްރޮޖެކްޓްސް ހިންގޭނެ. އެ ހިންގާއިރުގައި އެ ސަރަހައްދެއްގައި ހުރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އެ ސަރަހައްދުން ފްލެޓް ނޫނީ ހައުސިން ޔުނިޓްތަކުން ޖާގަ ލިބޭ ގޮތަށް އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ތައާރަފުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު