މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ޒޯން ބުރުގެ މެޗުތައް މިރޭ ފަށާނެއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ. އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު ނިމެންދާ އިރު، މުބާރާތުގެ އަތޮޅު ބުރުގައި ދެން ބާކީ އޮތީ ދެ ފައިނަލެކެވެ.
އެއީ މިރޭ 8:00 ގައި ފަށަން ތައްޔާރުވެފައި އޮތް ކ. އަތޮޅު ފައިނަލާއި މ. އަތޮޅުގެ ފައިނަލަށެވެ. ކ. އަތޮޅުގެ "ޑޮމިނޭޓިން" ޓީމެއްގެ ގޮތުގައި އަބަދުވެސް ފާހަގަކޮށްލެވޭ ގާފަރުން މިރޭ ނުކުންނާނީ ކާށިދޫއާ ދެކޮޅަށެވެ. ވަރުގަދަ ސެމީގެ ކުރިމަތިލުންތަކަކަށްފަހު މިރޭ ފައިނަލަށް ނުކުންނާނީ އަތޮޅު ތަށީގެ ތާރީހަށް ބަދަލު ގެނައުމަށެވެ. ކާށިދޫން ގާފަރު ބަލިކޮށްފިނަމަ، އެ ވެގެންދާނީ ތާރީހީ މޮޅަކަށެވެ. އަނެއްކޮޅުން ގާފަރުން އަތޮޅު ތަށީގެ ސިލްސިލާ ކުރިއަށް ގެންދަން މިރޭގެ މުހިއްމެވެ.
މ. އަތޮޅުގެ ފޯރިގަދަ ސެމީ މެޗުތަކަށްފަހު މިރޭ ފައިނަލަށް ތައްޔާރުވެފައި އޮތް އިރު، މުލަކުން ނުކުންނާނީ ނާލާފުއްޓާ ދެކޮޅަށެވެ. ނާލާފުއްޓުން މިހާތަނަށް ތަފާތު ދައްކަމުން އައި އައުން ތަކުރާރުކޮށް، މިރޭ ތާރީހީ ތަށްޓެއް ހޯދަން ނުކުންނަ އިރު، މުލައް ވާނީ ޗެލެންޖަކަށެވެ. އެއީ ޓީމުގެ ތަޖުރިބާ އާއި ތަފާތު ހުނަރުންނެވެ. މެޗު ޔަގީނުންވެސް ފޯރިގަދަވާނެއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގަމުންދާ ފޯމެޓަކީ މިހާތަނަށް ރާއްޖޭގައި އަތޮޅުތަކުގެ ރަށްތައް ތަމްސީލު ކުރުމަށް ބާއްވާ މުބާރާތެއްގައި ފެނުނު އެންމެ ކާމިޔާބު ފޯމެޓެވެ. އަތޮޅު ފޯރި އާއި ރަށުގެ ފޯރި މުބާރާތުން ފުރިހަމައަށް މީގެ ކުރިންވެސް ފާހަގަވެގެން ގޮސްފައިވެއެވެ. އެ ފޯރި މިއަހަރު އިތުރަށް ގަދަވެ، ދެން އޮތް މަރުހަލާ އަދި މާ ވާދަވެރިވާނެ ކަމަށް ބެލެވެއެވެ. އެއީ މިއަހަރު ޒޯންތަކަށް ގެނެސްފައިވާ ބަދަލުންނެވެ.
- ޒޯން 1: ހއ އަތޮޅު، ހދ އަތޮޅު
- ޒޯން 2: ށ އަތޮޅު، ނ އަތޮޅު، ރ އަތޮޅު
- ޒޯން 3: ބ އަތޮޅު، ޅ އަތޮޅު، ކ އަތޮޅު
- ޒޯން 4: އއ އަތޮޅު، އދ އަތޮޅު، ވ އަތޮޅު
- ޒޯން 5: މ އަތޮޅު، ފ އަތޮޅު، ދ އަތޮޅު
- ޒޯން 6: ތ އަތޮޅު، ލ އަތޮޅު
- ޒޯން 7: ގދ އަތޮޅު، ގއ އަތޮޅު ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ
- ޒޯން 8: މާލެ
ޒޯންތަކަށް ގެނައި ބަދަލާއެކު މިރޭ ޒޯންގެ ކުޅުން ފަށާނީ ޒޯން ދޭއްގައި ށ. ފޭދުއާއި ކަނޑިތީމު ކުޅޭ މެޗުންނެވެ. އަތޮޅު ފައިނަލްގެ ކުރިމަތިލުން ކަނޑިތީމުން ކާމިޔާބު ކޮށްފައި އޮތް އިރު، މިރޭގެ މެޗަކީ ހަމަ ފައިނަލެއް ފަދަ މެޗެވެ. އެ ޒޯންގައި ނ. ކެނދިކުޅުދޫ އާއި ރ. ދުވާފަރުގެ މެޗުވެސް މިރޭ 9:00 ގައި އޮތް އިރު، އޭގެ ފަހުން އޮންނާނީ ޒޯން ހަތެއްގެ ދެމެޗެވެ.
ޒޯން ހަތެއްގައި މިފަހަރު ޓީމުތައް ގިނަކޮށް އޮތް އިރު، އެ ޒޯންގެ ފުރަތަމަ މެޗުގައި ދަނޑިމަގުން ނުކުންނަނީ ގއ. ކަނޑުހުޅުދުއާ ދެކޮޅަށެވެ. ގއ. ގެމަނަފުށިން އަނެއް މެޗުގައި ނުކުންނަނީ އައްޑޫގެ އާ ޗެމްޕިއަން ހިތަދުއާ ދެކޮޅަށެވެ. އެ ދެމެޗު އޮންނާނީ 10:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް