ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތައާރަފުކުރި "ގެދޮރުވެރިޔާ" ސްކީމުގެ ކަންތައްގަނޑު މިހާރު ވަނީ މާ ބޮޑަށް ހޫނުވެފައެވެ. މީހުންގެ މެދުގައި މިވަގުތު އެންމެ ހޫނުކޮށް ދެކެވޭ އަދި އެންމެ ކަންބޮޑުވާ އެއް މައްސަލައަކީ ވެސް އެއީއެވެ. ކުރީ ސަރުކާރުން އިއުލާންކުރި ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވާ ކަމަށް ހިމެނި މީހުންނާއި ޝަރުތު ހަމަނުވާ މީހުން ކަމަށް ކަނޑައެޅި މީހުން ވެސް މިހާރު ތިބީ ދެން ވާނެ ގޮތެއް ނޭނގިފައެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އެ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އެ ކޮމިޝަނުން ވަނީ ފުލެޓުތައް ހަވާލުކުރުމުގެ ކަންކަން، ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އަންގައިފައެވެ.
އެ މައްސަލައިގެ ތަހުގީގު ނިމިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭސީސީން މައްސަލަ ތަހުގީގުކުރުމަށްފަހު ފުލެޓުތައް ދޫކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީއަށް ވަނީ ދީފަ އެވެ. އެ ހުއްދަ ދިނީ ވަކި ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހު ފުލެޓް ދޫކުރުމަށެވެ. އެގޮތުން "އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަ ހުރި ފޯމުތައް މުރާޖާއާ ކުރުމަށާއި، މުރާޖާއާ ކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖާއާ ކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް" އޭސީސީން ވަނީ އަންގާފައެވެ.
އޭސީސީން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ފުލެޓު މައްސަލައިގައި ޕޯޓަލް މެދުވެވެރިކޮށް ދާއިމީ ލިސްޓަށް 20،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 4،048 ފޯމެއްގެ މައްސަލަ އެ ކޮމިޝަނުން ބެލިއެވެ. ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓު ކަމަށާއި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓް ކަމަށް އޭސީސީން ހާމަކޮށްފައިވެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، ފުލެޓުގެ މައްސަލައިގެ ތަހުގީގުގެ ބައެއް މައުލޫމާތުތައް އޭސީސީން އަދި ނުދޭ ކަމަށާއި އެހެންވެ ޝަރުތު ހަމަވާ މީހުންނަށް ވެސް ފުލެޓް ދޫނުކުރެވިފައިވާ ކަމަށެވެ. ޝަރުތު ހަމަވާ މީހުންގެ ލިސްޓު ފޮނުވީ އޭސީސީން ކަމަށް ހައިދަރު ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ބައެއްގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް، އޭސީސީއަށް ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ ޝަރުތު ހަމަވާ ކަމަށް ނިންމައި އަނެއްބައެއްގެ ޝަރުތު ހަމަނުވާ ކަމަށް ނިންމިދާނެ ހެއްޔެވެ. މިއީ އާންމުންގެ ސުވާލެވެ.
"އޭސީސީއަށް މީހުން ހުށަހެޅި މައްސަލައިގައި ބުނާއެތި މުހިންމު. އޭގައި އެބަ ބުނޭ ލިސްޓުގައި ތިބި ބައެއް މީހުންނަށް ފުލެޓް ލިބުނު ކަމަށް ނަން އެއޮތީ ކޮންމެވެސް މީހަކު މަގާމުގެ ނާޖާއީޒު ބާރުގެ ބޭނުން ކޮށްގެންނޭ، ނޫނީ އެބަ ބުނޭ ނާޖާއިޒު މަންފާއެއް ހޯދުމަށޭ ޝަރުތު ހަމަވާ މީހުންގެ ލިސްޓަށް އަރުވާފަ އޮތީ. މިކަމެއް ދިމާވީ އިންތިހާބީ ދުވަސްވަރުވީމަ އެ މައްސަލަތަކުގައި ބުރަދަން ހުންނާނެ" އޭސީސީގެ މެންބަރަކު "ވަން" އަށް ވިދާޅުވިއެވެ.
"ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" ގައިވާ ގޮތުން، މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުން ކޮށްގެން ބަޔަކަށް ނުވަތަ މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަކީ ކުށެކެވެ. މަގާމުގެ ބާރު ނާޖާއިޒު ގޮތެއްގައި ބޭނުން ކުރުމަކީ ވެސް ކުށެކެވެ. ގާނޫނުގައިވާ ގޮތުން "ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު" ގައި ބަޔާންކޮށްފައިވާ ކުށްތައް ތަހުގީގު ކުރާނީ އޭސީސީންނެވެ. "އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނު" ބަޔާންކޮށްފައިވާ ގޮތުން ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތުވާ މައްސަލަތައް އޭސީސީގެ އަމިއްލަ އިސްނެގުމުންނާއި އެހެން ފަރާތަކުން މައްސަލަ ހުށަހެޅުމުން ތަހުގީގު ކުރަންވާނެއެވެ. އެކަމުގެ ފުރިހަމަ މިނިވަންކަން އޭސީސީއަށް އެބައޮތެވެ. ހެކި ހޯދުމާއި މީހުން ހާޒިރުކޮށް ބަޔާން ނެގުމުގެ ބާރު ގާނޫނުން ވަނީ އޭސީސީއަށް ދީފައެވެ.
"ގާނޫނުން ދީފައި އޮންނަ ބާރެއްގެ ތެރެއިން އޭސީސީން ތަހުގީގު ކުރީ. ބަޔަކު މީހުން ގޮސް ފުލެޓުތައް މިސާލަކަށް ތަޅާލިއޭ ބުނާ މައްސަލައެއް އޭސީސީން ތަހުގީގެއް ނުކުރޭ. އެއީ ބެހޭ ކަމެއް ނޫން. ގާނޫނުން ދީފައިވާ ބާރުތަކުގެ ތެރޭގައި އޭސީސީން އެބައޮތް އެ މައްސަލަ ބެލެން" އެ މެމްބަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭސީސީގެ ޒިންމާއަކަށް ވާނީ ފުލެޓަށް ޝަރުތު ހަމަވާކަމަށް މީހުން ކަނޑައެޅީ އޮންނަ އުސޫލުގެ ތެރެއިންތޯ ބެލުން ކަމަށެވެ. އެ ކަމުގެ ތެރެއިން ކޮރަޕްޝަންގެ ކުށެއް ފާހަގަވާނަމަ އެ މައްސަލައެއް ބަލާނީ ކަމަށާއި ނަމަވެސް ފުލެޓު ލިބުނު ކަމަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން އޭސީސީއަށް ކަނޑަ ނޭޅޭނެ ކަމަށް ވިދާޅުވިއެވެ.
"ޝަރުތު ހަމަވާކަމަށް މި ނިންމީ ނުފޫޒަކުންކަން ތަހުގީގަށް މި އެނގުނީ. އޭސީސީން ދެން ބަލާނީ އެ ނުފޫޒެއް ފޯރުވި މީހެއްގެ މައްސަލަ. ބައެއް ކައުންސިލްތަކުން އެބަހުރި ރަށުގައި ދިރިއުޅޭ މީހުންނަކީ ރަށުގައި ދިރިނޫޅޭ މީހުން ކަމަށް ބުނެ ލިޔުން ދީފަ. އެ ކަންތައް ބަލާނެ. އެކަމަކު އެގޮތަށް ލިޔުން ދީގެންވެސް ފުލެޓް ލިބޭ ކަމަށް ލިސްޓުގައި އޮންނަ މީހަކު ޝަރުތު ހަމަނުވާ ކަމަށް އޭސީސީއަކަށް ނުނިންމޭނެ" އޭނާ ވިދާޅުވިއެވެ.
ފްލެޓަށް ޝަރުތު ހަމަވާކަމަށް އޭސީސީން ފޮނުވި ލިސްޓުގައި ތިބި މީހުން އެނގޭނީ ޕޯޓަލް އެކްސެސް ލިބިގެން ކަމަށް ހައިދަރު ވިދާޅުވިއެވެ. އޭސީސީން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވާ ކަމަށް ކަނޑަޅައި މިނިސްޓްރީއަށް ފޮނުވާފައިވަނީ 824 މީހުންގެ ލިސްޓެއް ކަމަށް ހައިދަރު ވިދާޅުވިއެވެ. ނަމަވެސް އެ ލިސްޓްގައި ހުރީ ފޯމު ނަންބަރުތަކެއް ކަމަށާއި އެހެންކަމުން އެ ފޯމު ނަންބަރުގެ މައުލޫމާތު ސާފު ކުރުމަށްފަހު މިއަންނަ ހަފުތާގައި ފުލެޓުތައް ހަވާލުކުރަން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އާންމުންގެ ކަންބޮޑުވުމަކީ އެއީއެވެ. ފުލެޓަށް މީހުން ޝަރުތު ހަމަވާ ކަމަށް އޭސީސީ ނިންމީ ކޮންގޮތަކަށް މައްސަލަ ބެލުމަށްފަހުތޯއެވެ. އޭސީސީއަށް ނެތް ބާރެއް ބޭނުންކޮށްގެން އެފަދަ ކަމެއް ކުރެވިދާނެތޯއެވެ.
ފުލެޓް ލިބުނު މީހުންނާއި ނުލިބޭ މީހުން ކަނޑައެޅުމުގެ އިހުތިޔާރު އޭސީސީއަށް ލިބިދީފައިނުވާއިރު، އޭސީސީން ތައްޔާރުކޮށް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް އެ ބުނާ ލިސްޓަކީ ކޮން ލިސްޓެއްތޯއެވެ. "ވަން" އާ ވާހަކަ ދެއްކި އޭސީސީގެ މެންބަރު ވިދާޅުވީ އެފަދަ ލިސްޓެއް އޭސީސީން ހަދާފައި ނުވާނެ ކަމަށެވެ.
"ގާނޫނުއަސާސީ ބައްޓަންވެފައިވާ ގޮތުން ނަމަ އެފަދަ ކަމެއް ކުރުމުގެ އިހުތިޔާރެއް އަަދި ބާރެއް ނެތް. އެއީ ކުރެވޭނެ ކަމެއް ނޫން. ކުރާނެ ކަމެއް ނޫން. މިނިސްޓްރީއަށް އެޅި އޮޅުމަކަށް ވެދާނެ." އޭސީސީގެ އެ މެންބަރު ވިދާޅުވިއެވެ.
ފުލެޓުގެ މައްސަލަ މިހާރު ވަނީ އޮޅުންބޮޅުން ބޮޑު މައްސަލައަކަށް ވެފައެވެ. އޭސީސީން ދައްކާ ވާހަކައަކާއި ހައުސިން މިނިސްޓްރީން ދައްކާ ވާހަކައެއް ދިމައެއް ނުވެއެވެ. ބަންޑާރަ ނައިބުގެ އޮފީހުން ދައްކާ ވާހަކަ، ހައުސިން މިނިސްޓްރީގެ ވާހަތަކާ ދިމައެއް ނުވެއެވެ. ބަންޑާރަ ނައިބު ވިދާޅުވެފައިވާ ގޮތުގައި، މިކަމާ ގުޅޭ ސީދާލަފައެއް، ވަކި ލިސްޓަކާ ގުޅޭ ގޮތުން، ހައުސިން މިނިސްޓްރީއަށް ދީފައެއް ނުވާނެ އެވެ.
ސާފުވާ ކަމަކީ، މި 4000 ފުލެޓުގެ މައްސަލައިގައި ބޮޑު އޮޅުންގަނޑެއް އަރައިފި ކަމެވެ. އެކަން ސާފުވާން ޖެހޭ ކަމެވެ. އަދި އެކަން އަވަސް ވާން ޖެހޭ ކަމެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް