ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު މިހާރު އޮތް ގޮތުން މަގުސަދު ހާސިލުނުވާތީ، އެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ހޯމްލޭންޑް މިނިސްޓްރީން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި ފުލުހުންގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

"ކޮބައި ހެއްޔޭ ގޭންގަކީ، ގޭންގެއްގެ ޑެފިނީޝަން ފަސޭހައިން މާނަކުރެވޭނެ ގޮތްތައް އަދި އެ މާނަ އަކީ ޕްރެކްޓިކަލީ ވެސް ކުރެވޭ މަސައްކަތުން އެ ގޭންގު ޑެފިނީޝަނަށް އެ ފެތޭ ބަޔަކީ ކޮބައިތޯ ކަނޑައެޅުން ތަންކޮޅެއް ފަސޭހަ ވެގެންދާނެ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މީގެ 13 އަހަރު ކުރިން، 2010 ވަނަ އަހަރު ވުޖޫދަށް ގެނައި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހުތައް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފާސްވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ލިޔެފައި އޮތީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މީގެ ކުރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.