ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ހަތަރު ދާއިރާއަކަށް ވާދަ ނުކުރުމަށް ނިންމައިފިއެވެ.

އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި އެ ދާއިރާ ތަކަކީ؛

  • ގުރައިދޫ ދާއިރާ
  • ފުވައްމުލަކު އުތުރު ދާއިރާ
  • ފެލިދޫ ދާއިރާ
  • ނިލަންދޫ ދާއިރާ

އިބުރޭ ވިދާޅުވީ އެ ދާއިރާތަކަށް ވާދަ ކުރައްވާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް އެ ޕާޓީން ނިންމުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެ ހަތަރު ދާއިރާއަށް ވާދަ ނުކުރުމަށް ނިންމީ. އެހެން ނަމަވެސް އެ ހަތަރު ދާއިރާއަށް ނުކުންނަ އެހެން ކެންޑިޑޭޓުންނަށް ޕާޓީން ތާއީދު ކުރާނެ. އެކަމަކު އަދި ވަކި ގޮތެއް ނުނިންމަން،" އިބުރޭ ވިދާޅުވިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާ އިރު، އެމްޑީޕީން މިއަދު ވަނީ 87 ދާއިރާއެއްގެ ފޯމު ހުށަހަޅައިފައެވެ. ދެ ދާއިރާއެއްގެ ފޯމު ހުށަހެޅުން ލަސްވެފައި ވަނީ ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވެގެން ކަމަށް އިބުރޭ ވިދާޅުވިއެވެ.

އެމްޑީޕީން ވާދަ ނުކުރަން ނިންމި ހަތަރު ދާއިރާގެ ތެރެއިން، ވ. ފެލިދޫ ދާއިރާއަށް، މިދިޔަ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފަކަށް ހުންނެވި އަލީ ޒާހިރު ވަނީ ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.

އެމްޑީޕީން މިދިޔަ މަހު އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ބޭއްވި އިރު، ޕްރައިމަރީގެ މުއްދަތު ހަމަވި އިރު، 14 ދާއިރާއަކަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ. ނަމަވެސް އެޕާޓީން ފަހުން ވަނީ 10 ދާއިރާއަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދީފައެވެ.