ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ދިވެހި މަސްދޯނިފަހަރަށް ހަތިޔާރާއެކު ބޭރުގެ ސިފައިން އަރައި ބިރުދެއްކުން ފަދަ ބިރުވެރިކަމެއް މަސްވެރިން ތަހައްމަލް ކުރަން ނުޖެހޭނެގޮތަށް ދިވެހި ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެކްސް މެދުވެރިކޮށް އެފަރާތުން ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވީ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯނި ފަހަރަށް ހަތިޔާރާއެކު ބޭރު ގައުމެއްގެ ސިފައިން އަރައި ބިރުދެއްކި މައްސަލައިގައި، ދެން އެފަދަ ކަމެއް ނުހިނގާނެ ގޮތަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
"އެފަދަ ހާލަތެއް ނުވަތަ ބިރުވެރިކަމެއް ދެވަނަ ފަހަރަށް ރާއްޖޭގެ މަސްވެރިން ތަހައްމަލްކުރަން ނުޖެހޭނޭގޮތަށް އަޅުގަނޑުމެންގެ ދިފާއީ ބާރުން މަސައްކަތްތައް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް ދިވެހި މަސްވެރިންނަށް އެބޭފުޅުން ވަނީ ޓްވީޓާ (މިހާރު އެކްސް) ގެ ޒަރީއާއިން ބަޔާނެއްގެ ޒަރިއްޔާއިން ވެސް އެ ޔަގީންކަން އަރުވައިފައި،"
މިނިސްޓަރު ވިދާޅުވީ، ބޭރުގައުމެއްގެ ސިފައި މަސްދޯނި ފަހަރަށް އަރައި ބިރު ދެއްކި މައްސަލައިގައި ފޮރިން މިނިސްޓްރީގެ ޒިންމާ އެ މިނިސްޓްރީން އަދާކުރި ކަމަށެވެ. އަދި އެމްއެންޑީއެފް އާއި ޑިފެންސް މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް އެ ވުޒާރާތަކުން ކުރި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ކުރަން ޖެހޭނެކަމަށް ގަބޫލު ކުރެއްވި މަސައްކަތްތައް ކުރައްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ހުރިހާ ކަމަކީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކީގައި ކުރި ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހި މަސްދޯނިތަކަށް އިންޑިޔާގެ ކޯސްޓްގާޑް ސިފައިން އަރަމުންދިޔަ މައްސަލައިގައި ދިވެހި ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މީގެކުރިން އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެއީ މިމަހުގެ ކުރީކޮޅު، އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނިތަކަކަށް އިންޑިއާގެ ކޯސްޓުގާޑުން ހަތިޔާރާއެކު އަރައި ބަލައި ފާސްކޮށްފައިވާތީއެވެ.
އެ ފިޔަވަޅު ތަކުގެ ތެރެއިން، ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލް އަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލް ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެމްޑީއެފްއިން ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސައްކަތްތައް ކެނޑިނޭޅި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރަމުންގެންދާ މަސައްކަތް ސާބިތުކަމާއެކު ކުރިއަށް ގެންދިއުމަށް ވެސް ކޯސްޓްގާޑުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު