އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.
އާސެނަލުން ރޭ ރަށުން ބޭރުގައި ވެސްޓް ހަމް ކައިރިން 6-0 އިން މޮޅުވެފައިވާ އިރު، އެއީ އެ ކްލަބުގެ ތާރީހުގައިވެސް ޕްރިމިއާ ލީގުގެ އަވޭ މެޗެއްގައި ހޯދި އެންމެ ބޮޑު މޮޅެވެ. އަދި އެއީ ވެސްޓް ހަމްއަށް ޕްރިމިއާ ލީގުގެ ހޯމް މެޗެއްގައި ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ބައްޔެވެ. މީގެ ކުރިން އެޓީމު އަވޭގައިވެސް ހަ ގޯލުގެ ތަފާތުން ބަލިވެފައި އޮތީ އެންމެ ފަހަރަކު އެއީ 1963-64 ވަނަ އަހަރު ސީޒަނުގައި ބްލެކްބާންއާ ދެކޮޅަށް އަަވޭގައި ކުޅުނު މެޗެއްގައެވެ.
އެ މެޗުން ވެސްޓް ހަމް ބަލިވީ 8-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި އާސެނަލުން ފުރަތަމަ ހާފުގައި އެކަނިވެސް ހަތަރު ގޯލު ޖެހިއެވެ. ފުރިހަމަ ފުރަތަމަ ހާފެއް އާސެނަލްގެ ފަރާތުން ފެނިގެން ގޮސްފައިވާ އިރު، އެޓީމުގެ ގޯލުތައް ޖެހީ ވިލިއަމް ސަލީބާއާއި ބުކަޔޯ ސަކާގެ އިތުރުން ގެބްރިއަލްއާއި ލެއާންޑްރޯ ޓްރޮސާޑެވެ.
އެ ފޯމުގައި ދެވަނަ ހާފުގައިވެސް ތަފާތު މޮޅަށް އާސެނަލުން އެޓޭކް ކުރަމުން ގޮސްފައިވާ އިރު، ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ސަކާ ޖެހި ގޯލުން އާސެނަލް ފަސްވަނަ ގޯލެއް ޖެހިއެވެ. އަދި މެޗުގެ ފަހުކޮޅުގައި އެޓީމަށް ހަވަނަ ގޯލު ޖަހައިދިނީ ޑެކްލަން ރައިސްއެވެ.
ޔުނައިޓެޑުން ރޭ ކުޅުނު ވާދަވެރި މެޗުގައި 2-1 އިން އެސްޓަން ވިލާ ބަލިކުރި އިރު، މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ލީޑު ނަގައިދިނީ ރަސްމުސް ހޮއިލުންޑެވެ. އެ ގޯލާއެކު ޔުނައިޓެޑުން ހަމަޖެހިލި ނަމަވެސް، އެ ގޯލު ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހީ ޑަގްލަސް ލުއީޒްއެވެ.
މެޗުގެ ފަހުކޮޅު ފޯރިގަދަކޮށް ގޮސް، 86 ވަނަ މިނެޓުގައި ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ސްކޮޓް މެކްޓިމިނީއެވެ.
ރޭގެ މެޗުން މޮޅުވެ އާސެނަލް މިވަގުތު ތިންވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނައިގައި 23 މެޗުން 52 ޕޮއިންޓް ހޯދާފައި އޮތް މެންޗެސްޓާ ސިޓީއާ ޖެހި ގޯލު ތަފާތެއްގައެވެ. އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތް އިރު، ޔުނައިޓެޑް ހަ ވަނައިގައި އޮތީ 24 މެޗުން 41 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު