"ގެދޮރުވެރިޔާ" ސްކީމުގެ ދޫކުރި ފުލެޓުތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށް ކުރީ ސަރުކާރުން އާންމުކުރި ލިސްޓު ބާތިލުކޮށް، އަލުން އިއުލާންނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދިން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައިގައި، ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށް ބުނެ އެޗްއާރުސީއެމްއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެޗްއާރުސީއެމުން ބަލަމުންދަނީ އިންސާނީ ހައްގުތަކުގެ ނަޒަރުން ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހިނގާފައިވާ ގޮތުގެ ތަފުސީލު ކަމަށެވެ.

އެ މައްސަލަ ބެލުމުގެ ގޮތުން، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ކިބައިން މައުލޫމާތު ސާފުކޮށް، ހައުސިން މިނިސްޓްރީއާއެކު ތަފާތު އެކި ފަހަރުމަތިން ބައްދަލުކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

"އެގޮތުން މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައި ވެސް މި މަޝްރޫއުގެ ދަށުން ފުލެޓު ދިނުމަށް ކަނޑައަޅާފައިވާ ލިސްޓު ބާތިލުކޮށް އަލުން އިއުލާނު ނުކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން މި ކޮމިޝަނަށް ދެއްވާފައިވެއެވެ.،" އެޗްއާރުސީއެމުން ބުންޏެވެ.

އޭސީސީން، ގެދޮރުވެރިޔާ ސްކީމުގެ މައްސަލައާ މެދު ގޮތެއް ކަނޑައަޅާފައިވާތީ އެ މަޝްރޫއާ މެދު އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް، ހައުސިން މިނިސްޓްރީން އެޓާނީ ޖެނެރަލަށް އެދިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތުގެ ލިޔެކިޔުން ހޯދުމަށް މިހާރު އެދިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި ކަމާބެހޭ މުއައްސަސާތަކާއެކު އިތުރު ބައްދަލުވުންތައް ރޭވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"މި މައްސަލައަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއްކަމުގައިވާތީ، މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މި ކޮމިޝަނުން މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަންވެސް އަރުވަމެވެ. އެހެންކަމުން، މި މައްސަލަ މި ކޮމިޝަނުން ތަހުގީގުކޮށް ނިމުމުން، މައްސަލައާމެދު ނިންމާ ގޮތުގެ ތަފްސީލު، މައްސަލަ ހުށަހެޅި ފަރާތްތަކަށް ހިއްސާކުރެވޭނެ" އެޗްއާރުސީއެމުން ބުންޏެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކާ ގުޅޭގޮތުން އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބިފައިވާ ކަމަށެވެ.

އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމުތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވާތީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވީމެވެ.،" އެ ބަޔާނުގައި ބުންޏެވެ.

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފުލެޓުތަކަށް ޝަރުތު ހަމަވާ މީހުންގެ ފުލެޓުތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

ގެދޮރުވެރިޔާ ފުލެޓުތައް ދޫކުރުމުގައި ކުރީ ސަރުކާރުން އޮޅުވާލިކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ފެންމަތިވުމުން އެ ފުލެޓުތައް ދޫކުރުން މަޑު ޖައްސާލަން އަންގައި އޭސީސީން ތަހުގީގެއް ފެށިއެވެ. އެ ތަހުގީގަށް ފަހު، އެ ކޮމިޝަނުން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭ ފުރަތަމަ 4،000 ފުލެޓު ލިބޭ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފުލެޓެވެ. އެއްވެސް މައްސަލައެއް ނޫޅެނީ 20.7 ޕަސެންޓް ފޯމުގައެވެ.