ސްޕެނިޝް ލަލީގާގެ ތާވަލުގެ ކުރިން އެއްވަނައަށް ވާދަކުރަމުން އަންނަ ރެއާލް މެޑްރިޑާއި ޖިރޯނާ ރޭ ކުޅުނު މެޗު، ރެއާލްއިން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ރޭ ރެއާލްއިން އަމިއްލަ ދަނޑުގައި ޖިރޯނާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ރެއާލްއިން މިވަގުތު ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތީ 24 މެޗުން 61 ޕޮއިންޓާއެކުގައެވެ. ޖިރޯނާ މިވަގުތު ދެވަނައިގައި އޮތީ 24 މެޗުން 56 ޕޮއިންޓާއެކުގައެވެ. މިވަގުތު ލަލީގާ ތާވަލުގެ ތިންވަނައިގައި 23 މެޗުން 50 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. ހަތަރު ވަނައިގައި އޮތީ 23 މެޗުން 48 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑެވެ.

ރެއާލްއިން ރޭގެ މެޗު ފެށީވެސް ވަރުގަދަކޮށެވެ. ވިނީޝިއަސް ޖޫނިއާ ހަވަނަ މިނެޓުގައި ޖެހި ހިތްގައިމު ގޯލާއެކު ރެއާލްއިން ލީޑު ނެގި އިރު، ހާފު ނިމުމުގެ ކުރިން ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ ފުޅާކޮށްދީފައެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ބެލިންހަމްއެވެ.

ދެވަނަ ހާފަށް ނުކުމެވެސް މާ ގިނައިރެއް ނުވަނީސް، ބެލިންހަމް ވަނީ އޭނާގެ ދެވަނަ ގޯލު ކާމިޔާބު ކޮށްފައެވެ. އެއީ މި ސީޒަނުގައި އޭނާ ޖެހި 20 ވަނަ ގޯލެވެ. ބެލިންހަމްއަކީ މިހާރު، މިދިޔަ ގަރުނުގައިވެސް އެއް ސީޒަނެއްގައި ރެއާލްއަށް އެންމެ ގިނަ ގޯލު ޖެހި މިޑްފީލްޑަރެވެ.

ފުރިހަމައަށް ނިމެންދިޔަ މެޗެއްގައި ރެއާލްއަށް ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ ބެލިންހަމްއަށް އަނިޔާވެ ބާލަން ޖެހުމެވެ. އުމުރުން 20 އަހަރުގެ ބެލިންހަމްއަށް އަނިޔާވީ، ޕަބްލޯ ޓޯރޭ އޭނާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ރޭގެ މެޗުގައި ރެއާލްގެ ފަހު ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރީގޯއެވެ.