އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އޭޝިއަން ކަޕްގެ ފައިނަލުގައި ގަތަރުން މިރޭ ޖޯޑަން ބަލިކޮށް، ތަށި ދިފާއުކޮށްފިއެވެ.

އެންމެފަހުން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލުވެސް ކުޅުނު ޝަރަފުވެރި ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު އޭޝިއަން ކަޕް ފައިނަލްގައި ގަތަރުން ޖޯޑަން ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ގަތަރުން މިރޭ ތަށި ދިފާއުކުރުމުގެ ޝަރަފު ހޯދަން ނުކުތް އިރު، ޖޯޑަނުން ނުކުތީ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ފުރަތަމަ ތަށްޓެއް ހޯދުމަށެވެ.

މިރޭ ތަށި ދިފާއުކޮށް ގަތަރު ވެފައިވަނީ އޭޝިއަން ކަޕްގެ ތަށި ދިފާއުކުރި ފަސްވަނަ ޓީމަށެވެ. މީގެ ކުރިން އެ ޝަރަފު ހޯދާފައިވަނީ ޖަޕާނާއި ސައުދީ އަރަބިއާ، ދެކުނު ކޮރެއާ އަދި އިރާނެވެ.

ގަތަރުން މިރޭގެ މެޗުގައި ޖެހި ތިން ގޯލަކީވެސް ޕެނަލްޓީން އެ ޓީމު ޖެހި ގޯލުތަކެވެ. ފުރަތަމަ ޕެނަލްޓީ އަކްރަމް އަފީފަށް ކުރި ފައުލަކަށް ދިން އިރު، ކާމިޔާބުކުރީވެސް އޭނާއެވެ. އެ ޕެނަލްޓީއާއެކު ފުރަތަމަ ހާފު 1-0 އިން ނިމިގެން ގޮސްފައިވާ އިރު، ދެވަނަ ހާފު ފަށައިގެން 67 ވަނަ މިނެޓުގައި ޖޯޑަނުން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ގޯލު ޖެހީ ޔަޒާން އަލް-ނައިމަތެވެ.

އޭގެ ފަހުން ޖޯޑަނުން ކުޅުން ރަނގަޅު ކުރި ނަމަވެސް، އިތުރު ދެ ޕެނަލްޓީއާއެކު ގަތަރުން ޗެމްޕިއަންކަން ޔަގީންކުރިއެވެ. އެ ދެ ޕެނަލްޓީވެސް ޖެހީ އަފީފެވެ.