ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އިދާރާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އަތޮޅު ތެރޭގެ ކްލަބުތައް ތަމްސީލުކުރާ ނުވަ މެންބަރަކަށް ވޯޓުލާން ފުރުސަތު ނުދީ އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، "ސޭވް އެފްއޭއެމް" ހަރަކާތުން އަޑު އުފުލައިފިއެވެ.

އެފްއޭއެމްގެ އިންތިހާބީ މައްސަލަތަކުގެ ތެރެއިން ފީފާއާއި އޭއެފްސީގެ އެންގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާފައި ވަނީ މިއަދުއެވެ. އެ ކޮންގްރެސް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލް ހޮޓަލްގައެވެ. ކޮންގްރެސްއަށް ދައުވަތު ފޮނުވި ކްލަބުތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކްލަބުތަކެވެ. އެ ދައުވަތުގައި އެހެން ފަރާތްތަކަށް ދައުވަތު ދިންކަމެއް ފެންނާކަށް ނެތެވެ.

އަސާސީ ގަވާއިދުގެ 22 ވަނަ މާއްދާގައި ހިމެނޭ ވޯޓިން ރައިޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ޒޯންތަކުން ނުވަ ފަރާތެއްވެސް ކޮންގްރެސްގައި ހިމަނަން ޖެހޭ އިރު، އެ ފަރާތްތަކަށް ކޮންގްރެސްގައި ވޯޓު ނުދެވޭތީ އެކަމާ މިއަދު ވަނީ އަޑު އުފުލައިފައެވެ.

"ސޭވް އެފްއޭއެމް"ގެ ނަމުގައި ހިންގަމުންދާ ހަރަކާތުން މިއަދު އަޑު އުފުލާފައި ވަނީ އަތޮޅު ތެރޭގެ ކްލަބުތަކަށް ވޯޓުލުމުގެ ހައްގު ނެތި ކޮމިޓީތައް ނަގައި، ކޮންގްރެސް ނިންމާލުން ސައްހަ ނުވާނެ ކަމަށް ބުނެއެވެ.

އެފްއޭއެމްގެ އިންތިހާބީ މަސައްކަތްތައް ހުއްޓާލަން ފީފާއާއި އޭއެފްސީން އެންގި އެންގުމާ އެއްގޮތަށް، މިހާތަނަށް އިންތިހާބަށް ނިންމާފައިވާ ހުރިހާ ނިންމުންތަކެއް ކެންސަލްކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އެފްއޭއެމުން ނިންމައިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ފީފާއާއި އޭއެފްސީން މިދިޔަމަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޖެނުއަރީ 31ގައި ބާއްވަން މަސައްކަތް ކުރި އިންތިހާބުގެ ހުރިހާ މަސައްކަތެއް އަލުން ފަށައި، ސައްހަ ގޮތެއްގައި އަސާސީ ގަވާއިދާ އެއްގޮތަށް ގެންދިއުމަށެވެ. އެގޮތުން ކޮންގްރެހެއް ބާއްވައި އިލެކްޓޯރިއަލް ކޮމެޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އަލުން އިންތިހާބު ކުރުމަށް އަންގާފައިވެއެވެ.

އެފަދަ އެންގުމެއް އަންގާފައި ވަނީ ވެލެންސިއާގެ ތާއީދު ސިޓީއާއެކު އިންތިހާބުގައި ވާދަކުރާ އެއް ކެނޑިޑޭޓް، ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް)ގެ ކެންޑިޑެސީ ގެއްލި އޭނާ ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލަން އެފްއޭއެމްގެ އެޕީލް ކޮމިޓީއެއް ނެތުމުން، އެ މައްސަލައިގައެވެ.

ތޯރިގުގެ އިތުރުން އިންތިހާބަށް ކުރިމަތިލީ އެފްއޭއެމްގެ ރައީސްކަމުން ދާދިފަހުން ވަކިވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގައި ހިމެނުނު މުފާވިޒު ހާޝިމް އެވެ.