ހަތެއް ފެބްރުއަރީ 2012 އަކީ ރާއްޖޭގެ ޑިމޮކްރެސީގެ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު ކަޅު ދުވަސް ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.
ހަތެއް ފެބްރުއަރީއަށް 12 އަހަރު މިއަދު ފުރިފައިވާ އިރު، އެކަމާ ގުޅިގެން ޑިމޮކްރެޓްސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާހީ ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންގެ ބުރަ މަސައްކަތާއި ރައްޔިތުންނަށް ލިބުނު އަނިޔާގެ ތެރެއިން ރާއްޖޭގައި ވަނީ ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކޮށްފައި ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޑިމޮކްރެޓިކް ވެރިއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ މަނިކުފާނުގެ ޑިމޮކްރެޓިކް ވެރިކަން އެއިރުގެ ސިޔާސީ އިދިކޮޅު ފަރާތްތަކުންނާއި ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއެކު ވަނީ ބަގާވާތަކުން ވައްޓާލާފައި ކަމަށް ދަ ޑިމޮކްރެޓްސްއިން ބުންޏެވެ.
"އެހެންކަމުން، އެއީ ރާއްޖޭގެ ޑިމޮކްރެސީ ހަޔާތުގައި ދިމާވި އެންމެ ގެއްލުން ބޮޑު، ކަޅު ދުވަހެވެ..،" ޑިމޮކްރެޓްސްއިން ބުންޏެވެ.
ޑިމޮކްރެޓްސްއިން ބުނީ ހަތެއް ފެބްރުއަރީއަށްފަހު ޖެހިގެން އައި ދުވަހު ފުލުހުންގެ ތެރެއިން ބަޔަކު ވަނީ ރައްޔިތުންގެ ގައިގައި ތަޅައި އަނިޔާ ކޮށްފައި ކަމަށެވެ. އެ ބިރުވެރިކަމުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުމާއި މުޅި ގައުމު ފަހަތަށް ގޮސްފައިވާ ކަމަށާއި އަދިވެސް އެކަމުން އަރައިގަނެފައިނުވާ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ. ބަގާވާތުގެ ސަބަބުން ލިބުނު ގެއްލުންތައް އަދިވެސް ފޫނުބެއްދޭ ކަމަށެވެ.
ނަޝީދުގެ ވެރިކަމާ ދެކޮޅަށް އެއިރުގެ ސިޔާސީ ފަރާތްތަކުންނާއި އާންމު ރައްޔިތުން އަދި ފުލުހުންނާއި ސިފައިން ކުރަމުންދިޔަ މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ، ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާ ދެއްވި ދުވަސް ނޫން އޭގެ އަނެއް ދުވަހު ނަޝީދު ވިދާޅުވެފައިވަނީ، އެ މަނިކުފާނުގެ ވެރިކަން ބަގާވާތަކުން ވައްޓާލީ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރުވެގެން ކަމަށެވެ.
ނަޝީދާއެކު އެ މަނިކުފާނުގެ ކެބިނެޓު ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު އެމްޑީޕީން ދިޔައީ މާލޭގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ. އެއީ ސިޔާސީ ގޮތުން މާލޭގެ މަގުމަތި އެންމެ ހަލަބޮލިވެގެން ދިޔަ ދުވަސްވަރެވެ.
އެ މަނިކުފާނު އިސްތިއުފާ ދެއްވުމުން ދެން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންނެވީ އެ މަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމްޑީޕީން ކުރި މުޒާހަރާތަކުގައި ވަނީ ޑރ. ވަހީދުގެ އިސްތިއުފާއަށް ގޮވާލައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު