ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތު އޮތް ހަތަރު މީހުންގެ ތެރެއިން ލ. ގަން ވިދާތަރި އަލީ ނިފާޒު ޝަރީއަތް ނިމެންދެން ބަނަދު ކުރުމަށް ހައިކޯޓުން ކުރި އަމުރު މުރާޖައާ ކުރަން ދައުލަތުން ހަމަ އެ ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ހައިކޯޓުގައި ކުރިއަށްދާ އެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ނިފާޒު ބަންދު ކުރުމަށް ހައިކޯޓުން އަމުރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގައެވެ.

ނަދީމް މަރާލިކަމުގެ ތުހުމަތުގައި ގ. ޝާރާޒް މުހައްމަދު މަފާޒުގެ މައްޗަށް ދައުވާ ކުރާ އިރު، ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް ދައުވާ ކުރަނީ ނަދީމު މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިމިނަލް ކޯޓުގައި މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމުން، ކުށް ސާބިތު ނުވާ ކަމަށް ނޮވެމްބަރު 14، 2022 ގައި ކުރިމިނަލް ކޯޓުން ކަނޑައެޅުމުން އެ މީހުން މިނިވަންވިއެވެ.

ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހަމަ އެއާއެކު އެމީހުންގެ ކުށުގެ ރެކޯޑަށް ބަލައި ބަންދުކޮށްދިނުމަށް ވެސް ހައިކޯޓުގައި އެދުނެވެ.

ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ މި މައްސަލައިގައި އެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ، އެމީހުން ބަންދުގައި ބޭތިއްބެން ނެތް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތު އޮތް މަފާޒް ހުރީ އެހެން މައްސަލައެއްގައި ބަންދު ކޮށްފައިކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މިމަހު ހަތްވަނަ ދުވަހު ސުޕްރީމް ކޯޓުން، ހައިކޯޓުން ކުރި ހުކުމް ބާތިލު ކުރިއެވެ. އަދި މުޖުތަމައަށް ނުރައްކަލެއް އޮތްތޯ، އޭގެ ތެރެއިން ކޮންމެ މީހެއްގެ ހާލަތު ހައިކޯޓުން ވަކިން ވަޒަންކޮށް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމާ މެދު ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރާ ކަމަށްވެސް ހުކުމް ކުރިއެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ބަލައި ހައިކޯޓުން ޑިސެމްބަރު 26 ގައި ކުރި ހުކުމުގައި ވަނީ ހުސެއިން ޝާމިން އާއި ކަރަމް ސުހެއިލާއި މަފާޒް ހުސެއިން ސަލީމް ބަންދު ކުރާނެ ހާލަތެއް މިވަގުތަކު ނެތް ކަމަށެވެ. ނަމަވެސް އަލީ ނިފާޒްގެ ހާލަތަށް ރިއާޔަތް ކުރާ އިރު، މި މައްސަލައިގެ އިސްތިއުނާފީ ޝަރީއަތް ނިމެންދެން އަލީ ނިފާޒު ބަންދު ކުރަންޖެހޭ ކަމަށް ކަނޑައަޅައި އެ ދުވަހުން ފެށިގެން މި މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބަންދު ކުރުމަށް ވެސް ހައިކޯޓުން އަމުރު ކުރިއެވެ.

ނަމަވެސް އެ އަމުރު މުރާޖައާކޮށްދިނުމަށް މިމަހުގެ ފަސްވަނަ ދުވަހު ދައުލަތުން ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ނިންމި ނިންމުމުގައި ވަނީ، ކޮންމެ 30 ދުވަހަކުން ބަންދު މުރާޖައާ ކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ)ގެ ދަށުން ބަންދު ކުރާ މީހުންގެ ކަމަށެވެ.

ޝަރީއަތް ނިމެންދެން އަލީ ނިފާޒް ހައިކޯޓުން ބަންދު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

އެ މާއްދާގެ ދަށުން ބަންދުގައި ބަހައްޓަން ހައިކޯޓުގެ ފަނޑިޔާރުން ނިންމައިފި ނަމަ، އެ ގާނޫނުގެ ތިންވަނަ ބައިގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް ފަނޑިޔާރުންގެ ކިބައިން އެދުމުގެ އިހުތިޔާރު ލިބެނީ އެމީހާއަށް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ނިފާޒް ބަންދު ކުރުމަށް ހައިކޯޓުން ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ދައުލަތުން ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށާއި، އެގޮތަށް ހައިކޯޓުން ބަންދު ކޮށްފައިވާ ފަރާތެއްގެ ބަންދު މުރާޖައާކުރަން ހައިކޯޓަށް ހުށަނޭޅޭނެ ކަމަށްވެސް ހުކުމުގައިވެއެވެ.