ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމު ކުރުމަށް ބިމާބެހޭ ގާނޫނުގައި ހިމަނަން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލުގައި ތިން ބައެއް ގާނޫނަށް އިތުރު ކުރަން ވަނީ ހުށަހަޅުއްވައިފައެވެ.

މީކާއީލް ވިދާޅުވީ ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން އެތައް އަހަރު ތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި އާއްމު ކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ގޯތިތައް ހަވާލު ކޮށްފައި ނުވާތީ، އެ ފަރާތްތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުން ކަމަށެވެ. މި ފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރު ކުރުމާއި، ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ޖެހޭގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުގައި ހިމަނަން މީކާއީލް ހުށަހަޅުއްވާފައިވާ މާއްދާތަކުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލު ކުރަންވާނެ ކަމަށެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސްދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް، ގެޒެޓް ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސްދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތިތަކުގެ ރަޖިސްޓްރީ މި ގާނޫނަށް އަމުލު ކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ.

މީކާއީލް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.