ރަށެއް ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން، އެ ރަށުގެ ރަށު ކައުންސިލަކީ، ސިޓީ ކައުންސިލަކަށް ބަދަލުކޮށް ގާނޫނުގެ ދަށުން ސިޓީކައުންސިލަކަށް ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، ގާނޫނީގޮތުން ލިބިދީ، އަދި ސިޓީއަކުން ލިބިދޭން ޖެހޭ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާ އެންމެހައި ހިދުމަތްތައް އެ ކައުންސިލަށް ދިނުން ގާނޫނީ ގޮތުން ލާޒިމު ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ.
ގާނޫނަށް މި އިސްލާހު ގެންނަން ހިސާން ހުށަހަޅުއްވާފައި ވަނީ، ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީގެ ސަރުކާރުން ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވާ ކަން އިއުލާންކުރެއްވި ނަމަވެސް އެ ކައުންސިލްގެ ހައިސިއްޔަތާ މެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އެ ކަންބޮޑުވުންތައް އެ ކައުންސިލުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅާފައި ވަނިކޮށެވެ.
ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށަކުން ނުވަތަ ރަށްތަކުން، އެރަށެއް ނުވަތަ އެ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމުން، އެއް އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، އެ ކައުންސިލެއްގެ ދައުރު ހަމަވުމުގެ ހަ މަސްދުވަސް ކުރިން މި ގާނޫނުގައި ބަޔާންކުރާ އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށް ނިންމަން ވާނެ ކަމަށެެވެ. އެ ރަށަކަށް ނުވަތަ ރަށްތަކަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދާނީ އެ ސަރަހައްދު ސިޓީއަކަށް ބަދަލުވުމުން ކަން ކަނޑައެޅުމަށްފަހު، އަލަށް އެކުލަވައިލެވޭ ކައުންސިލްގެ އިންތިހާބަށްފަހުގައެވެ.
ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް އޮތްނަމަ، އެ ރަށަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، އެ ރަށް ސިޓީއަކަށް ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ރަށެއް ސިޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށް ޓަކައި އިންތިހާބު ކޮށްފައި އޮތް ރަށު ކައުންސިލް އެ ރަށުގެ ސިޓީ ކައުންސިލަށް ބަދަލުވާނެ ކަމަށާއި، ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސް އެ ސިޓީގެ މޭޔަރަށާއި ޑެޕިއުޓީ މޭޔަރު ކަމަށް ބަދަލުވާނެ ކަމަށާއި، މި ގޮތަށް ބަދަލުވާ ސިޓީކައުންސިލް ދެމިއޮންނާނީ އެގޮތުން ބަދަލުވި ރަށު ކައުންސިލްގެ ދައުރު ހަމަވަންދެން ކަމަށްވެސް ބުނެފައިވެއެވެ.
ހަމަ އެގޮތަށް ރަށް ސިޓީއަކަށް ބަދަލުވުމާއެކު، ސިޓީ ކައުންސިލަކަށް މި ގާނޫނުގެ ދަށުން ލިބިދޭ އެންމެހައި ބާރުތަކާއި މަސްއޫލިއްޔަތުތައް، އެ ކައުންސިލަށް ލިބިގެންވާ ކަމަށާއި، ސިޓީއަކުން ލިބިދޭން ޖެހޭ ކަމަށް ގާނޫނުގައި ބަޔާންކުރާ އެންމެހައި ހިދުމަތްތައް އެ ސިޓީއަކުން ލިބިދޭން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު