ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބުނު މީހުން މާލޭގައި އުޅޭތާ 15 އަހަރު ވެފައިވާ ކަމަށް ރަށްރަށުގެ ކައުންސިލްތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ތެރޭން ދޮގު މައުލޫމާތު ދިން ކައުންސިލްތަކުގެ މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.
އޭސީސީގެ ނާއިބު ރައީސް އަބްދުއްސަލާމް މިހެން ވިދާޅުވީ، ފްލެޓްތަކުގެ ތަހުގީގުތަކާބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޔައުގޫބު ސުވާލު ކުރެއްވީ، ފްލެޓް ލިބުނު މީހާ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެއްޖެކަމަށް ކައުންސިލް ތަކުން ލިޔުން ދީފައިވާއިރު އެ ލިޔުންތަކުގެ ތެރޭގައި ހަގީގަތާ ހިލާފު ލިޔުންތަކެއް ހުރިތޯއެވެ. އެފަދަ ކައުންސިލްތަކުން ލިޔުން ދިން ފަރާތްތަކަށް ކޮމިޝަނުން ފިޔަވަޅު އަޅުއްވާނަންތޯވެސް ސުވާލު ކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވީ، ދޮގު މައުލޫމާތު ދިނުމަކީ ކުށެއް ކަމަށެވެ.
"މިސާލަކަށް ކައުންސިލްތަކުގައި އަޅުގަނޑުމެންގެ މެއިންޑޭޓްގައި ހިމެނޭ ކުށެއް ނުވަތަ މީހަކަށް ފައިދާއެއް ހޯދައިދޭން، ނާޖާއިޒު ފައިދާއެއް ހޯދައިދޭން، ނުވަތަ އެނޫން ރިޝްވަތެއް ހުށަހަޅައިގެން ވަކި މައުލޫމާތެއް ވަކި ގޮތަކަށް ދިނުން، އަޅުގަނޑުމެންގެ މެއިންޑޭޓަށް ފެތޭ ކަމެއްކަމަށް ވެއްޖެނަމަ އެ ކައުންސިލްތަކުގެ މައްސަލަ އަޅުގަނޑުމެން ވަކި މައްސަލައެއްގެ ގޮތުގައި ބަލާނަން،"
އޭގެ އިތުރުން އެއީ ދޮގު މައުލޫމާތަކަށް ވެފައި އެއީ އެ ކޮމިޝަންގެ މެއިންޑޭޓްގައި ނުހިމެނޭ ކަމެއް ނަމަ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ޕޮލިހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގައި އުޅޭކަމަށް ކުންފުނިތަކުންނާއި ކައުންސިލްތަކުނާއި އެހެން ގޮތްގޮތުން މީހުންނަށް ދޫކޮށްފައިވާ ލިޔުންތައް އެއްކޮށް، ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު