އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑް ބަލިކޮށްފިއެވެ.

ރޭ މެޗު ރަށުން ބޭރުގައި ސިޓީން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، ސިޓީ ވަނީ ލީގު ތާވަލުގައި އާސެނަލްގެ މައްޗަށް ދެވަނައަށް ޖެހިލައިފައެވެ. އެއީ 22 މެޗުން 49 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް އެއްވަނައިގައި 23 މެޗުން 51 ޕޮއިންޓާއެކު އޮތް އިރު، އާސެނަލް ތިންވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓާއެކު، ސިޓީއަށްވުރެ ފައިދާ ގޯލު މަދުކޮށެވެ.

ރޭގެ މެޗަށް ސިޓީން ވަރުގަދަ އެޓޭކިން ލައިން އަޕެއް ނެރެފައިވާ އިރު، އެޓީމަށް ފުރަތަމަ ކުރިމަތިވީ ހާސްކަމެވެ. ބްރެންޓްފޯޑުން ވަނީ މެޗުގެ 21 ވަނަ މިނެޓުގައި ނީލް މައުޕޭ ޖެހި ގޯލުން ލީޑު ނަގައިފައެވެ.

އެ ގޯލާއެކު ބްރެންޓްފޯޑުން ލީޑު ނެގި ނަމަވެސް، ބޮޑަށް ފެނުނީ ސިޓީގެ އެޓޭކްތަކެކެވެ. ކެވިން ޑި ބްރޭނާ އާއި ފިލް ފޮޑެންގެ ނުރައްކާތެރި ހަމަލާތައް ފެނުނު ނަމަވެސް، ބްރެންޓްފޯޑުގެ ގޯލްކީޕަރު މާކް ފްލެކެން ފެނުނީ ތަފާތު ރަނގަޅު ފޯމެއްގައެވެ. އޭނާގެ އެ ފޯމަށް ހުރަސް އެޅީ ފޮޑެންއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް، ފޮޑެން ފުރަތަމަ ގޯލެއް ޖެހި އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، އޭނާ ލީޑު ފުޅާކޮށްދިނެވެ. އަދި 70 ވަނަ މިނެޓުގައި ގޯލެއް ޖަހައި ސިޓީއަށް ތިން ޕޮއިންޓް ޔަގީންކުރިއެވެ.