ކ. މާފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތުގެ 70 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި މިދިޔަ ހޮނިހިރު ދުވަހު އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މަސައްކަތު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 63,711 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 28,836 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 160 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށްވެސް ހަމަޖެހިފައިވެއެވެ.

މާފުށީ ބަނދަރު ތަރައްގީގެ މަޝްރޫއުގެ ތެރޭގައި، 19 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަޝްރޫއުގެ އަގަކީ 76.48 މިލިއަން ރުފިޔާއެވެ.