ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ށ. އަތޮޅު ޗެމްޕިއަންކަން ކަނޑިތީމުން ހޯދި އިރު އއ. އަތޮޅު ޗެމްޕިއަންކަން މަތިވެރި، އދ. އަތޮޅުގެ ޗެމްޕިއަންކަން މަހިބަދޫން ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާ އެކު ކުރިއަށްދާ އިރު، ރޭ ވަނީ ޖުމުލަ ތިން ފައިނަލެއް ކުޅެފައެވެ. އެއީ ށ. އަތޮޅާއި އއ. އަތޮޅު، އަދި އދ. އަތޮޅުގެ ފައިނަލެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ށ. އަތޮޅުގެ ފައިނަލްގައި ވާދަކޮށް ބަލިވެފައި އޮތް ކަނޑިތީމާއި ފޭދޫ ފައިނަލްގައި ވާދަކޮށްފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ. މެޗުގައި ކަނޑިތީމުގެ ދެ ގޯލު، އަތޮޅު މޮޅު ކުޅުންތެރިޔާ އިބްރާހީމް ނަދާދު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އަހުމަދު ރިޒާނެވެ.

ފޭދޫގެ ގޯލުތައް ޖެހީ މާޒިލް މުހައްމަދާއި އަހުމަދު ފާއިން މުހައްމަދު އަދި މުހައްމަދު ސިރްފާނެވެ.

ރޭގެ މެޗުގައި ޕެނަލްޓީ ޝޫޓްއައުޓަށް ކީޕަރު ބަދަލުކޮށް، ކަނޑިތީމުން މެޗު ނަގާފައިވާ އިރު، އެޓީމުން މެޗު ކާމިޔާބުކުރީ 8-6 ގެ ނަތީޖާއަކުންނެވެ. ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ޓޮޕް ސްކޯރާއަކީވެސް ކަނޑިތީމުގެ ނަދާދެވެ.

ރޭ އއ. އަތޮޅު ފައިނަލްގައި އެ އަތޮޅުގެ 2023 ވަނަ އަހަރުގެ ޗެމްޕިއަން ބޮޑުފޮޅުދޫން ނުކުތީ އޭގެ ކުރީ އަހަރުގެ ޗެމްޕިއަން މަތިވެރިއާ ދެކޮޅަށެވެ. އެ މެޗު 5-3 އިން މަތިވެރި ކާމިޔާބުކުރި އިރު، މެޗުގައި އަލީ އަލްސަން ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދާފައެވެ. މަތިވެރީގެ އަނެއް ދެ ގޯލު ޖަހައިދިނީ އަހުމަދު ފިޒާނެވެ.

ބޮޑުފޮޅުދޫން ރޭގެ މެޗުގައި ޖެހި ގޯލުތައް ޖަހައިިނީ އަލީ ޝަނީޒާއި މުހައްމަދު ސިރުހާނެވެ.

އއ. އަތޮޅު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ބޮޑުފޮޅުދޫގެ ސިރުހާނެވެ. އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މަތިވެރީގެ އަލީ އަލްސަންއެވެ.

ރޭ އެންމެ ފަހު ފައިނަލަކަށް އދ. ފައިނަލްގައި މަހިބަދުއާއި މާމިގިލި ވާދަކޮށްފައިވާ އިރު، އެ ފައިނަލް 2-0 އިން ކާމިޔާބުކުރީ މަހިބަދުއެވެ. މަހިބަދޫގެ އިބްރާހީމް އުސާމާ ހަސަން މަޖީދު މެޗުގައި ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލަކީ މާމިގިލީގެ އިބްރާހީމް މައިސާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހޮވުނު އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ދަނގެތީގެ އަހުމަދު ސުދައިސް އަލީއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.