އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކައިރިން މޮޅުވެ، އާސެނަލުން ތަށީގެ ރޭސް އިތުރަށް ފޯރިގަދަ ކޮށްލައިފިއެވެ.
ތާވަލުގައި އެންމެ ކުރީގައި އޮތް ދެ ޓީމު ކުރިމަތިލި އެ މެޗު، އާސެނަލުން ކާމިޔާބު ކުރީ 3-1ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާ އާއެކު ލިވަޕޫލުން އެއްވަނައިގައި ދަމަހައްޓަމުން އައި ފަސް ޕޮއިންޓްގެ ލީޑު މިހާރު ވަނީ ދެ ޕޮއިންޓަށް ހަނިވެފައެވެ.
ލިވަޕޫލް އެއްވަނައިގައި 23 މެޗުން 51 ޕޮއިންޓާއެކު އޮތްއިރު، އާސެނަލް އެއްވަނައިގައި އޮތީ 23 މެޗުން 49 ޕޮއިންޓާއެކުގައެވެ. މިރޭގެ މެޗުގައި ލިވަޕޫލްގެ ކީޕަރު، ބްރެޒިލްގެ އެލިސަން ބެކާގެ ފަރާތުން ގޯސްތައް ފެނިގެންދިޔައެވެ. އާސެނަލްގެ ދެ ގޯލެއްގައި އޭނާގެ ގޯސް ބޮޑަށް ފާހަގަވިއެވެ. މިރޭގެ މެޗަކީ ލިވަޕޫލަށް މި ސީޒަނުގެ ލީގުގައި ކުރިމަތިވި ދެވަނަ ބައްޔެވެ.
އާސެނަލުން މެޗު ވަރުގަދަކޮށް ފެށި އިރު، މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގިއެވެ. ކައި ހަވާޓްސް އެލިސަންއާ ދިމާލަށް ޖެހި ބޯޅައެއް، އޭނާ އަތުގައި ޖެހިފައި ވެއްޓުމުން ރިބައުންސްގައި ގޯލަށް ބޯޅަ ވައްދާލީ ބުކަޔޯ ސަކާއެވެ.
ފުރަތަމަ ހާފު ޑޮމިނޭޓްކޮށް އާސެނަލުން ހާފު ނިންމާލި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އާސެނަލް ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، ލިވަޕޫލުން ނުރައްކާ ކުރި ބޯޅަ ގޯލަށް ވަނީ ޑިފެންޑަރު ގެބްރިއަލް އަތުން ބައިކޮޅަށެވެ.
އެ ގޯލަށްފަހު ލިވަޕޫލުން ކުޅުން އިތުރަށް ރަނގަޅު ކުރިއެވެ. އެލެކްސިން މެކް އަލިސްޓާއާއި ކާޓިސް ޖޯންސްގެ ނުރައްކާތެރި ހަމަލާތައް ފެނުނު ނަމަވެސް، ގޯލު ޖެހީ އާސެނަލުންނެވެ. ވާޖިލް ވެން ޑައިކާއި އެލިސަނަށް ރަނގަޅަށް ވާހަކަ ނުދެކެވި ލިބުނު ފުރުސަތުގައި ގޯލު ޖެހީ ގެބްރިއަލް މާޓިނެލީއެވެ. ދުރުން އައި ބޯޅައަކަށް ވެން ޑައިކް މަސައްކަތް ކުރަނިކޮށް އެލިސަން ކުރިއަށް ޖެހުނު ނަމަވެސް ބޯޅަ ލިބުނީ މާޓިނެލީއަށެވެ. އޭނާ ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކޮށެވެ.
މެޗުގައި ލިވަޕޫލަށް އިތުރަށް ހާލަތު ގޯސްވީ 88 ވަނަ މިނެޓުގައި އިބްރާހިމަ ކޮނާޓޭއަށް ދެއްކި ރަތް ކާޑާއެކުގައެވެ. އެ ކާޑާއެކު ކުޅުންތެރިޔަކު މަދުކޮށް ކުޅުނު އާސެނަލް ކޮޅަށް ތިންވަނަ ގޯލެއް ލިއާންޑްރޯ ޓްރޮސާޑް ޖެހި އިރު، އެ ގޯލަކީ ހަނި އޭންގަލުން އެލިސަންގެ ދެފައިދެގޯޅި ދޭތެރެއިން އޭނާ ޖެހި ގޯލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު