ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން ބާއްވާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރަކު "ވަން" އަށް ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމެއްގައި ކަމަށެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން ނިންމި ސަބަބުން އެމްޑީޕީން މިރޭ ހާމަކުރާނެ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއަށް މަޖިލީހުގެ ރުހުން ލިބިފައިނުވާ ތިން ވަޒީރަކަށް، ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. މަޖިލީހުން ރުހުން ދީފައިނުވާ ތިން ވަޒީރަކަށް، ވަޒީރުކަމުގެ ހައިސިއްޔަތުން ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނާހިލާފު ކަމެއް ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.
އެފަދަ ގާނޫނުއަސާސީއާ ހިލާފު ކަންކަމަށް ހިތްވަރުނުދޭނެ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.
"މި ސަބަބުތަކަށްޓަކައި މާދާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ވާހަކަ ދަންނަވަމެވެ." ދަ ޑިމޮކްރެޓްސްއިން ބުންޏެވެ.
މާދަމާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ހުށަހަޅުއްވާ ރިޔާސީ ބަޔާނަކީ އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާން ހުށަހެޅުއްވުމަށް ރައީސް މަޖިލީހަށް ވަޑައިގަންނަވަނީ ހެނދުނު 8:25 އާއި 8:45 އާ ދެމެދުގެ ވަގުތެއްގައެވެ. ރިޔާސީ ބަޔާން އިއްވަން ފަށާނީ ހެނދުނު 9:00 ގައެވެ.
މިއީ ކޮންމެ އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ލާޒިމުވެ ވަޑައިގަންނަވާ ބަޔާނެކެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިއީ ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް ވަރަށް އުންމީދީ، ވަރަށް މުހިންމު ކަންތައްތަކެއް ރައީސް ފާހަގަކުރައްވާނެ އަދި ހާމަކުރައްވާނެ ރިޔާސީ ބަޔާނެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިޔަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލު، އެންމެ ވިޝަނަރީ ގައުމީ ތަސައްވަރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ، ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން މަޖިލިސް ރައީސް އެ ޖަލްސާ ނިންމަވައިލައްވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ޖަވާބު ދެއްވުމަށް ޖެހިވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު