"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފުލެޓު ލިބުނު ދާއިމީ ލިސްޓާ ގުޅޭގޮތުން ހުރި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތުގެ ލަފާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ހައުސިން މިނިސްޓްރީއަށް ދީފައިވަނިކޮށް، އެ މިނިސްޓްރީން އަނެއްކާވެސް ފުލެޓުތަކުގެ މައްސަލައިގައި އޭސީސީއާ މަޝްވަރާކޮށްފިއެވެ.
އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު މީޑިއާތަކަށް ބުނެފައިވަނީ ފުލެޓުތައް ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން "އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަ ހުރި ފޯމުތައް މުރާޖާއާ ކުރުމަށާއި، މުރާޖާއާ ކުރުމުގައި އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖާއާ ކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް" ވަނީ އަންގާފައި ކަމަށް އޭސީސީން ބުނެފައިވެއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭސީސީގެ އެ އެންގުންތަކާ ގުޅިގެން އިތުރު ލަފާ ހޯދުމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ އޭސީސީއާއެކު މިއަދު ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ. އެ ބައްދަލުވުމުގައި އޭސީސީން އެންގި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެކަމުގެ މައުލޫމާތު ކުރިއަށްއޮތްތަނުގައި ހާމަކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4،000 ފުލެޓުގެ ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އޭސީސީން އެގޮތަށް އަންގާފައިވަނީ ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށް، ގުރުނެގުމުގެ މަސައްކަތް ވެސް ކުރަމުންދަނިކޮށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.
އެ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ ޕޮއިންޓް ދިނުމުގެ އުސޫލާ ހިލާފަށް އަދި ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ކަމަށް ބުނެ އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ. އެ ކޮމިޝަނުން ވަނީ ފުލެޓުތައް ހަވާލުކުރުމުގެ ކަންކަން، ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހު، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދަން އަންގައިފައެވެ. އޭސީސީން ވަނީ އެ މައްސަލައިގައި ހައުސިން މިނިސްޓްރީ ވެސް ބަލައި ފާސްކޮށްފައެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތަށްފަހު ހައުސިން މިނިސްޓްރީން ވަނީ ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓާއެކު، ފުލެޓަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ވެސް އިއުލާންކޮށްފައެވެ.
އެގޮތުން ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓުގެ މަހު ކުއްޔަކީ 7000 ރުފިޔާ އަދި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއެވެ. ކުލި ދައްކަން ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓު ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑްއަކަށްފަހުއެވެ. އަދި ކުލި ދައްކަންޖެހޭ ޖުމުލަ މަހުގެ އަދަދަކީ 300 މަހެވެ.
ޚަބަރު
ޚަބަރު
ޚަބަރު