ރާއްޖޭގެ މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑަކުން އަނެއްކާވެސް އަރައިފިއެވެ.
އެމްއެންޑީއެފުން ދެންމެ ބުނީ މިދިޔަ ބުދަ ދުވަހު އަދި ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަން ކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވާތީ، އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ބުނީ ބުރާސްފަތި ދުވަހުގެރޭ "މާހޯރަ3" ނަމަކަށްކިޔާ ދޯންޏެއް ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާ އިން މޭލު ހިސާބުން އެރޭ ބާރަ ޖަހާކަންހާ އިރު، އިންޑިޔާގެ މަނަވަރެއް އެ ދޯންޏާ ކައިރިކޮށް ދޯންޏަށް އަރައި މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށެވެ.
އެ މައްސަލަ ދޯނީގެ ވެރި ފަރާތުން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ ނޫނިއަނުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި ދިވެހި މަސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޖަމިއްޔާއިން ވަނީ ހުރިހާ ފަރާތްތަކަށް ގޮވާލައިފައެވެ.
މީގެ ކުރިންވެސް އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން މިދޯންޏަށް ވަނީ އަރައިފައެވެ. އެއީ މިދިޔަ ބުދަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައެވެ. އެދުވަހު "މާހޯރަ3" ދޯންޏާއެކު ދިވެހި މަސްވެރިންގެ ތިން ދޯންޏަކަށް އެމީހުން އަރާފައިވެއެވެ.
މި މައްސަލަތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންގެ މައުލޫމާތު ދޭން އިންޑިއާ ސަރުކާރަށް، ދިވެހި ސަރުކާރުން އިއްޔެ ވަނީ އަންގައިފައެވެ.
ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓުގާޑު ޝިފް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދެއްވުމަށް ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 01 ފެބްރުއަރީ 2024 ގައި ވާނީ ރަސްމީކޮށް ދަންނަވާފައި،" ޑިފެންސްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު