އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވުލްވްސް ކައިރިން މޮޅުވެއްޖެއެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޔުނައިޓެޑް މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓެޑް މޮޅުވި ގޯލު، 97 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން އެންމެ 18 އަހަރުގެ ކޯބީ މައިނޫ އެވެ.
މެޗު ފެށިގެން މާ ގިނައިރެއް ނުވެ، ޔުނައިޓެޑުން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ އަހުލާގީ މައްސަލަގަނޑެއްގެ ތެރެއިން ފުރަތަމަ 11 އިން ބޭރުގައި ހުރުމަށްފަހު މެޗަށް ނުކުތް މާކަސް ރަޝްފޯޑެވެ. ފަސްވަނަ މިނެޓުގައި ރަޝްފޯޑު ޖެހި ގޯލުން ލީޑު ނަގައި ޔުނައިޓެޑުން ހަމަޖެހިލި އިރު، 22 ވަނަ މިނެޓުގައި ރަސްމުސް ހޮއިލުން ވަނީ އެޓީމަށް ލީޑު ފުޅަވެސް ކޮށްދީފައެވެ.
ދެވަނަ ހާފަށް ނުކުމެ، 71 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީން ވުލްވްސްއިން އުންމީދެއް ހޯދި ނަމަވެސް، އޭގެ ހަތްވަރަކަށް މިނެޓް ފަހުން ޔުނައިޓެޑުން ތިންވަނަ ގޯލެއް ޖެހިއެވެ. ބެންޗުން އަރައި ސްކޮޓް މެކްޓޮމިނޭ ޖެހި އެ ގޯލުން ޔުނައިޓެޑަށް ފަސޭހަކޮށް މޮޅު ޔަގީން ކުރެވުނު ކަމަށް ބެލެވުނު ނަމަވެސް، ވުލްވްސްއިން އަނބުރާ މެޗަށް ވަނެވެ.
މެކްސް ކިލްމަން ޖެހި ގޯލުން ފަރަގު ކުޑަކޮށް، އިތުރު ވަގުތުގައި ނެޓޯ ވުލްވްސްއަށް ނަތީޖާ ހަމަހަމަކޮށްދީ ޔުނައިޓެޑް މާޔޫސްކޮށްލިއެވެ. އެ މަޔޫސްކަމުގައި ތިއްބާ، ޔުނައިޓެޑް މޮޅުކޮށްދިނީ މައިނޫއެވެ.
މޮޅާއެކު ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އެއީ 22 މެޗުން 35 ޕޮއިންޓާއެކުގައެވެ. ވުލްވްސް އޮތީ 11 ވަނައިގައެވެ. އެއީ 22 މެޗުން 29 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު