ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް، ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ޝަމީމަށް މަރުތޭލަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، ރ. އަލިފުށި، ރިވެލި (މިހާރު ދިރިއުޅޭ އެޑްރެސް: މާލެ، ހ. ފެނިގެއްލިދާގެ) މިދުހަތު އާދަމް (23އ) އަދި ލ. ގަން، ތުނޑި، ޖަވާހިރުވިލާ (މިހާރު ދިރިއުޅޭ އެޑްރެސް: މާލެ، ހ. ފެނިގެއްލިދާގެ) މުހައްމަދު ޖަޒްލާން (22އ) އެވެ.
ފުލުހުން އެ ދެ މީހުންނަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަމަންނަގާލުމުގެ ކުށް ކުރިކަމުގެ ތުހުމަތެވެ. ފުލުހުން އެ ދެ މީހުން މިއަދު ހައްޔަރުކުރުމަށްފަހު ވަނީ ހަމަ މިއަދު ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކުރިމިނަލް ކޯޓުގައި ފުލުހުން ބުނީ ތަހުގީގަށް މިހާތަނަށް ފާހަގަވެފައިވާ ގޮތުގައި އެ ދެ މީހުން މާރާމާރީ ހިންގާފައިވަނީ މަރުތޭލެއް ފަދަ އެއްޗެއް ބޭނުންކޮށްގެންކަން އެނގިފައިވާ ކަމަށެވެ. ސީސީޓީވީ ފޫޓޭޖުތަކުން ފެންނަ ގޮތުގައި އެ ދެ މީހުން މަރުތޭލުން ހަމަލާދިނުމަށް މަސައްކަތްކުރީ އަނިޔާ ލިބުނު މީހާގެ ބޮލަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ހަމަލާގެ އެތިފަހަރު އަރާފައިވަނީ އަނިޔާ ލިބުނު މީހާގެ އަތުގެ މުލައްދަނޑިއަށް ކަމަށް ފުލުހުން ބުންޏެވެ.
ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހުންނެވި ގާޒީ އިބްރާހީމް ޒިހުނީ ވިދާޅުވީ، އެ ދެ މީހުންނަށް ފުލުހުން ތުހުމަތުކުރާ ކުށްތައް އެ ދެ މީހުން ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖުތަކެއްގެ ސްނެޕްޝޮޓްތަކެއް ހުށަހަޅާފައިވާ އިރު، އޭގެން ފެންނަނީ އަނިޔާ ލިބުނު ފަރާތަށް ހަމަލާދިނުމުގައި އެ ދެ މީހުން ބައިވެރިވާ މަންޒަރު ކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ގާޒީ ޒިހުނީ އަމުރު ކުރެއްވިއެވެ. އަދި ވަނީ މައްސަލައިގެ ތަހުގީގު އަވަހަށް ނިންމުމަށް އައިއޯއަށް ދަންނަވައިފައެވެ.
ގާޒީ ވިދާޅުވީ މައްސަލައިގެ ތަހުގީގު ނިމެންދެން އެ ދެ މީހުން ބަންދުކޮށްފައި ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާގައި އެ ދެ މީހުން ބަންދުގައި ބައިތިއްބަންވާނީ ރިމާންޑު ޖަލެއްގައި ކަމަށް ގާޒީ ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރުމުން މުހައްމަދު ޖަޒްލާން ވަނީ ވަކީލެއްގެ ފުރުސަތު ހަމަޖައްސައިދިނުމަށް އެދިފައެވެ. ގާޒީ ވިދާޅުވީ ވަކީލަކު ހަމަޖެހުމުން ބަންދު މުރާޖާކުރުމަށް ހުށަހެޅުމުގެ ފުރުސަތު މުހައްމަދު ޖަޒްލާނަށް އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު