ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ 1.9 މިލިއަން މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޔުނިޓުގެ ހެޑް، ޗީފް އިންސްޕެކްޓާ ޔޫސުފް ލޫތު ވިދާޅުވީ ފީފާއިން އެފްއޭއެމްއަށް ޖަމާކުރި 10،000 ޑޮލަރު އެފްއޭއެމްގެ އިސްވެރިއެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަަމަށެވެ. އަދި އެ ފަރާތުން އެ ފައިސާ ބޭނުންކޮށް އޭގެ މަންފާ ހޯދައި، އެ ބޭނުންކޮށްފައިވާ ކަމުގެ އެކަށީގެންވާ ހެކި ލިބިފައިވާތީ އެކަން ތަހުގީގުކުރުމަށްފަހު، ދެ މީހެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ހަމައެއާއެކު ކޮވިޑާ ގުޅިގެން އެފްއޭއެމަށް ޖަމާކުރި 1.9 މިލިއަން ޔޫއެސް ޑޮލަރާ ގުޅުންހުރި މައްސަލައެއް ވެސް އަޅުގަނޑުމެން މިދަނީ ތަހުގީގުކުރަމުން. އެ ޓްރާންސެކްޝަނާ ގުޅުންހުރި ވަރަށް ބޮޑު ބައެއްގެ ތަހުގީގު މިހާރު ވަނީ ފުރިހަމަކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

ލޫތު ވިދާޅުވީ އެ މައްސަލައާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކޮށް، ޑޮކިއުމެންޓަރީ ހެއްކާއި އަދި އިލެކްޓްރޯނިކް ބައެއް ޑިވައިސްތައް ހެކީގެ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.