ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީން ނެރުނު ވިޕާ ހިލާފުވި ރައްޔިތުންގެ މަޖިލިސް މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ދައުރުން ބޭރުން އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވަނީ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ބޭފުޅުންގެ ތެރެއިން 19 ބޭފުޅަކަށް ރުހުން ދެއްވައިފައެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް ފާސްވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ވަޒީރުން އަލުން މަގާމަށް އައްޔަންކުރެއްވުމުން، އެ ވަޒީރުން ވަނީ ވަޒީރުކަމުގެ ހުވާކުރައްވައިފައެވެ.

ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ޝަހީމާއި އުޝާމް އަދި ހައިދަރުގެ އިތުރުން ވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން ފާސްކޮށްފައެވެ. އޭރު ޝަހީމާއި އުޝާމް އަދި ހައިދަރުގެ އިތުރުން ރުހުން ނުދޭން އެމްޑީޕީން ފާސްކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށެވެ. ނަމަވެސް އިއްޔެގެ މަޖިލިސް ޖަލްސާގައި ސައީދަށް ރުހުން ދޭން ވަނީ ފާސްކޮށްފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގައި ހިންގާ ގަވާއިދެއް އޮންނަ ކަމަށާއި އެ ހިންގާ ގަވާއިދުގައި ވިޕާ ހިލާފުވާ މެންބަރުންނާ މެދު އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.

"އެގޮތުން ޓޫލައިން ވިޕް އަދި ތުރީލައިން ވިޕަށް ތަފާތު ފިޔަވަޅުތައް އަޅަން އޮވޭ. ފުރަތަމަ ފަހަރަށް ވިޕާ ހިލާފުވާ އެމްޕީސް އިންނަށް އަނގަބަހުން ނަސޭހަތްތެރިވުން، ދެވަނަ ފަހަރަށް ލިޔުމުން އަދި ތިންވަނަ ފަހަރަށް އަޅާނެ ފިޔަވަޅުތައް ވެސް ހުރޭ. މިހާރު އަޅުގަނޑުމެން މިދަނީ އިއްޔެ އަޅުގަނޑުމެން ވިޕާ ހިލާފުވި ބޭފުޅުންނާ ދޭތެރޭގައި އެބޭފުޅުން ކިތައް ފަހަރަށްތޯ ވިޕާ ހިލާފުވެވަޑައިގަތީ، އެ ކަންތައްތައް ބަލަމުން. އެ މަސައްކަތް އަޅުގަނޑުމެންގެ ސެކްރެޓަރީ ޖެނެރަލް އެބަ ކުރިއަށްގެންދަވާ. އަޅުގަނޑުމެންގެ ގަވާއިދު ބުނާގޮތަށް އެ އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ،" އޭނާ ވިދާޅުވިއެވެ.

ރުހުން ނުދިން ވަޒީރުން އަލުން މަގާމުތަކަށް އައްޔަންކުރެއްވުމާ ގުޅިގެން ބިގޭ ވިދާޅުވީ އެއީ ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އެކަމާ ވެސް ޕީޖީ ގްރޫޕުގައި މަޝްވަރާކޮށް، ގޮތެއް ނިންމާނެ ކަމަށެވެ.