ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އާ ކަމައަށް ކަމަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރު ފަހު 2:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށް ބަޔާނުގައި ބުންޏެވެ.

  • ދިވެހި ރައްޔިތަކަށްވުން
  • ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
  • އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން

ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ ފަސް އަހަރު ފުރުމަށްފަހުއެވެ. އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަ މީހަކުކަމުގައި ވާންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްބުގައި ބައިވެރި ނުވެވޭނެއެވެ.

  • އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން
  • ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފުކުރެވުނުތާ ތިން އަހަރު ނުވާމީހަކު ކަމުގައިވުން
  • ފަނޑިޔާރަކު ކަމުގައިވުން
  • އިންތހާބުތަކާ ބެހޭ އާންމު ގާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އަދި އެ މާއްދާގައިވާގޮތުން، ރަސްމީ އިންތިހާބީ އޭޖެންޓްގެ އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެ:
  • އެ އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމުގައި ނުވުން.
  • އެ އިންތިހާބުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުން.
  • އެ އިންތިހާބެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިނުވާ މީހަކު ކަމުގައި ނުވުން.

މަޖިލިސް އިންތިހާބު ބާއްވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެ ދުވަސް ދިމާވަނީ ރޯދަ މަހުގެ މެދުތެރެއަށް ކަމުން، ކިއު ދިގު ނުވާނެ ގޮތަށް ވޯޓު ލުމުގެ އިނތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އީސީން މީގެ ކުރިން ބުނެފައި ވެއެވެ.