ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އއ. އަތޮޅުގެ ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ބޮޑުފޮޅުދުއާއި މަތިވެރި ދަތުރުކުރި އިރު، ތ. އަތޮޅުގެ ސެމީ ފައިނަލުން އޮމަދޫވެސް ޖާގަ ހޯދައިފިއެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ އިރު، ރޭވެސް ވަނީ 8 މެޗެއް ކުޅެފައެވެ. އެއީ އއ. އަތޮޅުގެ ދެމެޗާއި ތ. އަތޮޅުގެ ދެ ގްރޫޕުން ހަތަރު މެޗުގެ އިތުރިން ނ. އަތޮޅުގެ އަތޮޅު ބުރުގެ ދެމެޗެވެ.

އއ. އަތޮޅުގެ ހަތަރު ޓީމަކުން މުބާރާތުގައި ވާދަކޮށްފައިވާ އިރު، ލީގު ބުރުގެ ކުޅުން ރޭ ވަނީ ނިމިފައެވެ. ލީގު ބުރު ނިމުނި އިރު، ތިން މެޗުން ނުވަ ޕޮއިންޓާއެކު ބޮޑުފޮޅުދޫ އޮތީ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ މަތިވެރިއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ.

ރޭ ތޮއްޑޫން މަތިވެރި ކައިރިން 6-2 އިން ބަލިވި އިރު، މަތިވެރީގެ މުހައްމަދު ޝަފުރާޒާއި އަލީ އަލްސަން އަދި އަހުމަދު ފިރާޝް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. މުހުތާރު ނަސީރު (ޓޫކިލޯ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ތޮއްޑޫއަށް ރޭގެމެޗުގައި ގޯލު ޖަހައިދިނީ އަލީ އިޒްމީލް އަހުމަދާއި ހުޒާމް ހަމީދެވެ.

ބޮޑުފޮޅުދޫން ތިންވަނަ މޮޅެއް ހޯދީ، ރޭ ފެރިދޫ ކައިރިން 4-1 އިން މޮޅުވެގެންނެވެ. ބޮޑުފޮޅުދޫއަށް މޮޅަށް ކުޅެމުން އަންނަ މުހައްމަދު ސިރުހާން މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ ޒީދާން އަލީ އާއި ހުސައިން ޒަޔާން ހަސަނެވެ. ފެރިދޫގެ ގޯލު ރޭގެ މެޗުގައި ޖެހީ ހުސައިން ޝާމިހެވެ.

ތ. އަތޮޅުގެ ގްރޫޕް އޭއިން ސެމީ ފައިނަލް ދެވަނަ ޖާގަވެސް ރޭ ކަށަވަރުވެފައިވާ އިރު، އެ ޖާގަ ހޯދީ އޮމަދޫންނެވެ. ކިނބިދޫ ގްރޫޕްގެ އެއްވަނަ ރޭގެ މޮޅާއެކު ޔަގީންކޮށްފައިވާ އިރު، އޮމަދޫވެސް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް މިހާތަނަށް ހޯދައިފައެވެ. ބާކީ ދެޓީމަށްވެސް އޮތީ އެންމެ މެޗެކެވެ.

ކިނބިދޫން 4-0 އިން ގާދިއްފުށި ބަލިކުރި އިރު، އެމެޗުގައި ކިނބިދޫގެ އިބްރާހީމް އިމްރާހް (އިންމި) ހެޓްރިކް ފުރިހަމަ ކުރިއެވެ. އެޓީމަށް އަނެއް ގޯލު ޖަހައިދިނީ އަހުމަދު ހަމްދާމް ހުސައިނެވެ. އޮމަދޫން ރޭ 2-1 އިން ބުރުނި ބަލިކޮށް ސެމީ ޔަގީންކުރި އިރު، އެ މެޗުގައި އޮމަދޫގެ ގޯލުތައް ޖަހައިދިނީ ހަސަން ކިއާން ސިނާނާއި މުހައްމަދު އުނޭޝް އެވެ. ބުރުނީގެ ގޯލު ޖެހީ މުހައްމަދު ނާހިލް ނޫހެވެ.

ތ. އަތޮޅު ގްރޫޕް ބީން ތިމަރަފުށި ރޭގެ މެޗުތަކުގެ ކުރިން ސެމީ ޔަގީން ކޮށްފައި އޮތް އިރު، އެ ގްރޫޕްގެ ދެވަނަ އަދި ޔަގީންވެފައެއް ނުވެއެވެ. ދެވަނަ މަގާމުގައި ހިރިލަންދޫ އޮތީ ހަތަރު މެޗު ހަމަވެ، ހަތް ޕޮއިންޓާއެކުގައެވެ. އެ ގްރޫޕްގައި ބާކީ އެއް މެޗު އޮތް މަޑި ފުއްޓަށް އަދި ސެމީގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަނި ފުރުސަތެކެވެ.

ރޭ ހިރިލަންދޫއަށް ސެމީ ޔަގީންކުރެވެން އޮތް ނަމަވެސް، އެޓީމުން މަޑިފުއްޓާ ވީ އެއްވަރެވެ. އެއީ 2-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ހިރިލަންދޫގެ ދެ ގޯލު މުހައްމަދު ރިފްޝާނާއި އަހުމަދު މުފީދު ޖެހި އިރު، މަޑިފުށީގެ ދެ ގޯލުވެސް ޖެހީ އާދަމް އަފީފެވެ.

ގްރޫޕް ދޭއްގައި ރޭ ވޭމަންޑޫން 5-1 އިން ގުރައިދޫ ބަލިކުރި އިރު، އެ ދެޓީމަށްވެސް ދެން އަތޮޅު ސެމީން ފުރުސަތެއް ނެތެވެ.

މިއަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނ އަތޮޅުން ފަސް ޓީމަކުން ވާދަކުރަމުން އަންނަ އިރު، ވެލިދޫ ފިޔަވައި ދެން އޮތް ހަތަރު ޓީމަށްވެސް ފައިނަލްގެ ފުރުސަތު އެބައޮތެވެ. މިވަގުތު މިލަދޫ އެއްވަނައިގައި ހަތަރު މެޗުން ހަތް ޕޮއިންޓާއެކު އޮތް އިރު، ދެވަނައިގައި އޮތީ މާފަރެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތީ ކެނދިކުޅުދޫއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ހޮޅުދޫ ހަތަރުވަނައިގައި އޮތް އިރު، އެޓީމަށްވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ.

ރޭ ކުޅުނު ނ. އަތޮޅުގެ މެޗުތަކުގެ ނަތީޖާއަށް ބަލާ އިރު، މިލަދޫން ކެނދިކުޅުދޫން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މިލަދޫގެ ގޯލުތައް ޖަހައިދިނީ ހުސައިން ޝާފީއާއި މުހައްމަދު ނާޖިހު އަދި ހުސައިން ސައިފް މޫސާއެވެ.

ރޭ މާފަރުން ހޮޅުދޫ ބަލިކުރި އިރު، އެ މެޗު ނިމުނީ 5-2 ގެ ނަތީޖާއަކުންނެވެ. މާފަރުގެ އަފްރާހް މުހައްމަދާއި އައްޒާމް އަބްދުﷲ މެޗުގައި ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ އިރުޝާދު އަދުނާނެވެ. ހޮޅުދޫގެ ގޯލުތައް ޖެހީ އިބްރާހީމް ރަޝީދު އަބޫބަކުރާއި އިބްރާހީމް އަފްލާހެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.