އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދީ ހިފަހައްޓަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށް ކަމަށާއި އެކަން ކުރަމުންދަނީ ވެރިކަން ގެއްލުމުން ވެރިކަން އަލުން ހޯދުމަށް ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 1:00 އަށް ތާވަލުކުރި ޖަލްސާގެ ކުރިން މަޖިލިސް ހޯލުގެ ބޭރުގައި ހުންނަވައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަންވެސް ކުރައްވާ ސަލީމް ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށް އެމްޑީޕީގެ މެންބަރުންވެސް ތިއްބަވާ ކޮމިޓީއަކުން އޮތީ ކުރިން ފާސްކޮށްފައި ކަމަށާއި ނަމަވެސް ސަރުކާރަށް ދެ މަސް ވެގެންދާއިރުވެސް ރުހުން ނުދީ ހިފަހައްޓަނީ ސަރުކާރު ހިންގަން ހުރަސް އެޅުމުގެ ގޮތުން ކަމަށެވެ.

"މިކަން މިކުރައްވާ ބޭފުޅަކީ އިބްރާހިމް މުހައްމަދު ސޯލިހު. ގޭގައި ހުންނަވައިގެން ހަމަ އަޑީގައި ހުންނަވައިގެން އިރުޝާދު ދީގެން ހުއްޓުވަމުން މިގެންދަނީ. ކުރަމުން މިގެންދަވަނީ. ވެރިކަން ގެއްލުނީމާ ވެރިކަން އަލުން ހޯދަން ކުރާ މަސައްކަތެއް މިއީ" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ސަރުކާރުން ރުހުން ނުދޭން އުޅެނީ އެންމެ ގާބިލު ވަޒީރުންނަށް ކަމަށެވެ. މީގެ ކުރީގެ ސަރުކާރުތަކުގެ ވަޒީރުންނަށް މަޖިލީހުން ރުހުން ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ނާގާބިލު ވަޒީރުންވެސް ހިމެނޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު ބޭއްވި، ޖަލްސާގައި ވަނީ ތިން ވަޒީރުން ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދެއްވައިފައެވެ. ރުހުން ނުލިބުނު ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ބަންޑާރަ ނައިބު އުސްތާޒު، އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު އަލީ ހައިދަރު އަހުމަދެވެ.