ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށައި އެކަމަށް ބޭނުންވާ ސޮއި މިއަދު ހަމަކޮށްފި ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ބައްދަލުވުމެއްގައެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު "ވަން" އަށް ވިދާޅުވީ ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާ ކަމަށާއި އެކަމަށް ބޭނުންވާ ސޮއި ހަމަކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ދަ ޑިމޮކްރެޓްސްއާ ގުޅިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއަދު މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ. އެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ ގަރާރުގައި ރައްޔިތުންގެ މަޖިލީހުގެ 34 މެންބަރަކު ވަނީ ސޮއިކޮށްފައެވެ. ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 މެންބަރުންގެ ސޮޔެވެ.
ރައީސް މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވެރިކަމުން އަޒުލު ކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސްފައިވަނިކޮށެވެ.
މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާގޮތުން މަޖިލީހުގެ މެންބަރުން ގުނަން ޖެހޭނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ.
ގަވާއިދުގެ 202 ވަނަ މާއްދާ އާއި މަޖިލިސް ގަވާއިދުގެ 203 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައި ވަނީ އަޒުލު ކުރުމުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ނަމަވެސް އެކަމުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް މިހާރު ކަނޑައަޅާފައި އޮތްގޮތް ބަދަލުކޮށް އިސްލާހުގައި ވަނީ ބަހުސް ތިން ގަޑިއިރަށް އިތުރުކޮށްފައެވެ. ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކެވުމަށް 30 މިނެޓު ކަނޑައަޅާފައިވާ އިރު، ކުރެވޭ ތުހުމަތުތަކުން ދިފާއުވެވަޑައިގަތުމަށް ތިން ވަކީލުން ބޭނުންކުރެވޭނެ ކަމަށާއި އެ މައްސަލަ ކޮމެޓީގައި ކުރިއަށްދާއިރު ވެސް ހާޒިރުވެވަޑައިގެން ޖަވާބުދާރީވާން ފުރުސަތު ލިބޭނެ ކަމަށް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު