ރާއްޖޭގެ އެންމެ ބޮޑު ދެ ކުޅިވަރު ޖަމިއްޔާ ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަނާއި ވޮލީބޯޅަ އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި މިހާރު ހައްލު ހޯދޭނެ ބައެއް މަގުތައް ފެނިފައިވާ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ހާލަތު މިހާރު އޮތް ގޮތުން ފީފާއާއި އޭއެފްސީގެ އިރުޝާދުގެ ދަށުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ގޮސް، އެ ކޮންގްރެސްގައި އަލުން އިލެކްޓޯރިއަލް ކޮމިޓީއާއި އިލެކްޓޯރިއަލް އެޕީލް ކޮމިޓީ އިންތިހާބު ކުރުމަށް ވަނީ ނިންމައިފައެވެ. އެ ގޮތަށް އެފްއޭއެމްއަށް ފީފާއާއި އޭއެފްސީން އަންގާފައި އޮތް އިރު، އެ ނިންމުމާ އެއްގޮތަށް ކުރިއަށް ދިޔުމަކީ އެފްއޭއެމްގެ މައްސަލަ ހައްލުކުރަން އޮތް ގޮތް ކަމަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް "ވަން ސްޕޯޓްސް"އަށް މިއަދު ވިދާޅުވިއެވެ.

"ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްސަލަތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހައްލު ކުރެވޭނެ. އެކަމަށް މިދަނީ ވަރަށް ގާތުން މަޝްވަރާކޮށް މަސައްކަތްތަކެއް ކުރަމުން. މިވަގުތު އެފްއޭއެމްއަށް ފީފާއާއި އޭއެފްސީން އިރުޝާދު ދީފައިވާ ގޮތަށް ކަންކަން އިސްލާހުކޮށް، ކުރިއަށް ގެންދިޔުން އެއީ ހައްލު އޮތް ގޮތަކީ. ދެން ވީއޭއެމްގެ އަހަރީ އާންމު ޖަލްސާ އަލުން ބާއްވައި، މިހާރު އޮތީ އަލުން ފޮނުވާފައި. އޭގައި އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް އަޅުގަނޑުމެން ބަލައި، ކުޅިވަރު ގާނޫނާ ތައާރަޒް ނުވާ ކަމަށްވާނަމަ އެސޯސިއޭޝަންގެ މައްސަލަވެސް ހައްލު ހޯދޭނެ،" ތޮލާލް ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ވީއޭއެމްގެ ވާހަކަ ފާހަގަކުރައްވައި ތޮލާލް ވިދާޅުވީ، ވީއޭއެމްއިން އަލުން ފޮނުވި އަހަރީ އާންމު ޖަލްސާގެ ރިޕޯޓުގައިވެސް އޮޑިޓް ރިޕޯޓް ހިމަނާފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށާއި، މިދިޔަ ތިން އަހަރުގެ އޮޑިޓް ރިޕޯޓު ހުށައަޅަން މިހާރުވެސް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ކުރިން އައިސްފައިވާ ޝަކުވާއަކީ ޑިމޮކްރެޓިކް އުސޫލާ ހިލާފުކަމަށް ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ނިންމުންތައް. ހާއްސަކޮށް ވަކި ފަރާތަކަށް ބާރުތައް ލިބޭނެ ގޮތަކަށް ގެނެސްފައިވާ އިސްލާހުތައް އަލުން މުރާޖައާކުރަން އެންގިފައި އޮންނާނީ. އޭގެ އިތުރުން ފައިސާގެ ރިޕޯޓުތަކުގެ މައްސަލަވެސް އުޅުނު. ފަހުން ބޭއްވި އޭޖީއެމްގައި ތިން އަހަރުގެ ފައިނޭންޝަލް ރިޕޯޓު ފާސްކޮށްފައި އޮތް ނަމަވެސް، އޮޑިޓް ރިޕޯޓުތައް އަދިވެސް ހުށައެއް ނާޅާ، އެހެންވީމަ އެކަން ފާހަގަކޮށްލަން ބޭނުން. އަންގާފަ ވާނީ އެ ރިޕޯޓުތައްވެސް ހުށައަޅަން،" ތޮލާލް ފާހަގަކުރެއްވިއެވެ.

ވޮލީބޯޅައިގެ އިދާރީ ހިންގުން ބޮއްސުންލައިގެން ގޮސް، ކަމާބެހޭ އިދާރާތަކަށްވެސް އެކަން އޮތީ ބޮޑުވެފައެވެ. މުހައްމަދު ރަނޭޝް ރައީސަކަށް ހޮވިގެން އައިސް، މިއަދާ ހަމައަށް އެސޯސިއޭޝަން ހިންގަމުން އައީ އުސޫލުން ބޭރުންނެވެ. އަސާސީ ގަވާއިދުގައިވާ އަހަރީ އާންމު ޖަލްސާ ނުބޭއްވި، ތިން އަހަރު ވެގެން ގޮސް، އެފަހުން ފުރަތަމަ ބޭއްވި ޖަލްސާވެސް ސްޕޯޓްސް ކޮމިޝަނަރު ބަލައިގެންފައެއް ނުވެއެވެ. އެއީ ވަކި މީހަކަށް ބާރު ލިބޭ ގޮތަށް އަސާސީ ގަވާއިދު އިސްލާހުކޮށް، ވަކި މީހަކު ބާރުތައް ކޮންޓްރޯލްކުރަން މަސައްކަތް ކޮށްފައިވާތީއެވެ.

މިދިޔަ ދެތިން އަހަރު ޔޫތު މިނިސްޓްރީން އެކަނިވެސް ވީއޭއެމްއަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާކަން އެނގޭ އިރު، އެ ބަޖެޓް ފާސްކޮށްފައެއްވެސް ނުވެއެވެ. އަދި ފުރަތަމަ ވީއޭއެމްއިން ސްޕޯޓްސް ކޮމިޝަނަށް ފައިނޭންޝަލް ރިޕޯޓުވެސް ހުށައެއް ނާޅައެވެ.

އެ ހާލަތުގައި ވީއޭއެމް އޮއްވައި، އޭގެ ފަހުން މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން މީޑިއާއަށް މާ ބޮޑު އެނގުމެއްނެތި، އަނެއްކާވެސް އާންމު ޖަލްސާއެއް ވަނީ ބާއްވައިފައެވެ. އެ ޖަލްސާ ބަލައިގަންނަން އަދި ސްޕޯޓްސް ކޮމިޝަނުން ނުނިންމާ އިރު، އެ ރިޕޯޓުތައް ދަނީ މުރާޖާކުރަމުންނެވެ. އެންމެ ބޮޑު މައްސަލައަކަށް އޭގައި ފާހަގަކުރެވެނީ އޮޑިޓް ރިޕޯޓުތައް ހުށައެޅިފައި ނެތުމެވެ.

ތޮލާލް ވިދާޅުވީ ވީއޭއެމްއިން މިހާރު އޮޑިޓް ރިޕޯޓު ހުށައަޅަން މަސައްކަތް ކުރަމުން އަންނަކަން އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ވީއޭއެމްއިން ކުރަމުން އަންނަ މަސައްކަތް ހޯދަން ރަނޭޝްއަށް ގުޅުމުން ފޯނު ނަންގަވާފައެއް ނުވެއެވެ.