އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ނޯވިޗް ސިޓީ ބަލިކުރި އިރު، މެންޗެސްޓާ ޔުނައިޓެޑުން ތިންވަނަ ޑިވިޝަންގެ ނިއު ޕޯޓު ބަލިކޮށް ފަސްވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ލިވަޕޫލުން ރޭ ދެވަނަ ޑިވިޝަނުގެ ނޯވިޗް ސިޓީ އަމިއްލަ ދަނޑުގައި ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑުން ނިއު ޕޯޓުގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނިއު ޕޯޓު ދަނޑަށް ސިޑިބަރިއެއް އިތުރު ކޮށްފައިވާ އިރު، ތިންވަނަ ޑިވިޝަނުގެ ލީގު ތާވަލުގެ 16 ވަނައިގައި އޮތް ކްލަބަށް އެއީ ތާރީހީ މެޗެކެވެ. 9،000 ސަޕޯޓަރުން ދަނޑަށް ވައްދައި، ޔުނައިޓެޑާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރުވެފައިވާ އިރު، މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑް ވަނީ ދެ ގޯލު ޖަހައިފައެވެ.
އެ ގޯލުތައް ޖެހީ ބްރޫނޯ ފެނާންޑޭޒްއާއި ކޮބީ މައިނޫއެވެ. އެ ދެގޯލާއެކު ޔުނައިޓެޑުން ލީޑު ނެގި ނަމަވެސް، ނިއު ޕޯޓުން ހިތްވަރުކޮށް ނަތީޖާ އެއްވަރުކުރިއެވެ. އެ ގޯލުތައް ޖެހީ ވިލް އީވަންސްއާއި މޮރިސްއެވެ.
އެ ދެ ގޯލާއެކު ޔުނައިޓެޑް ސިހުނު ނަމަވެސް، އެޓީމުން ފަހުން މެޗުގެ ކޮންޓްރޯލް އަތުލައި، އެންތޮނީއާއި ރަސްމުސް ހޮއިލުން ޖެހި ގޯލުތަކުން މެޗު ކާމިޔާބު ކުރިއެވެ.
ލިވަޕޫލުން ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ ކާޓަސް ޖޯންސްއާއި ޑާވިން ނުނިއޭޒްގެ އިތުރުން ޑިއޭގޯ ޖޮޓާއާއި ވާޖިލް ވެން ޑައިކް އަދި ރަޔަން ގްރަވެންބާޗެވެ. ނޯވިޗުން މެޗުގައި ރަނގަޅު ވާދައެއް ކުރި އިރު، އެޓީމުގެ ދެ ގޯލު ޖެހީ ބެން ގިބްސަންއާއި ބޯހާ ސައިންޒެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް