ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގި ކަންކަމުގެ ސަބަބުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުންގެ ވިސްނުމުގައި ސަރުކާރުގެ ގިނަ ވަޒީރުންނަށް ރުހުން ދިނުމެއް މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަލީމް ވިދާޅުވީ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން، ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރި ނަމަވެސް އެއީ ހަމައެކަނި ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހު ފާސްކުރި ކުރުމެއް ކަމަށެވެ. އެ ކޮމިޓީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ނޫން ކަމަށާއި މަޖިލީހުގެ އެންމެ ފަހުގެ ނިންމުންތައް ނިންމާނީ މަޖިލީހުގެ ތަޅުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ކެބިނެޓަށް ރުހުން އޮތްތޯ ނުވަތަ ނޫންތޯ އެނގޭނީ މާދަމާގެ ވޯޓުން ކަމަށް ސަލީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މެންބަރުން ހަމަ އަޅުގަނޑު ގާތުގައި ވަރަށް ސާފުކޮށް ވިދާޅުވީ މިހާރު އެތަނުން އެއްވެސް މެންބަރަކަށް ވޯޓު ދޭކަށް ބޭނުމެއް ނުވެޔޭ،" ސަލީމް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނިގެން ދިޔައީ ސަރުކާރު މެމްބަރުން، މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މަންޒަރު ކަމަށް ސަލީމް ވިދާޅުވިއެވެ. މިއަދު ފެނިގެންދިޔައީ ބާރާއި ނުފޫޒު އޮތް ފަރާތްތަކުން އެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެންނުވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މިއަދަކީ މަޖިލީހުގެ ދުސްތޫރިއްޔަތުގައި ކަޅު ދުވަހެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް، ރުހުން ނުދޭން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު