އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުން ކުރިކަމެއް ކުރީ ސަރުކާރު މެންބަރުންގެ ކިބައިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ މެންބަރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީީ)ގެ ރައީސް، ތުޅަދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިސާން ވިދާޅުވީ މަޖިލީހުގައި މެންބަރުންނަށް ރައްކާތެރި މާހައުލެއް އޮތްކަމުގެ އިހުސާސް ނުކުރެއްވޭ ކަމަށެވެ.

"އެ ރައްކާތެރިކަމުގެ މާހައުލެއް ނެތްކަމުގެ އިހުސާސާ އެއްކޮށް ސަރުކާރުގެ މެންބަރުންގެ ފަރާތުން އެ ކުރިމަތިވި ކަންތައްތައް އެގޮތަށް ކުރިމަތިވީމަ އެމްޑީޕީގެ މެންބަރުންނަށް މަޖުބޫރުވީ ސެލްފު ޑިފެންސްގަ އެ ބޭފުޅުން އެކްޝަން ނަންގަވަން" ހިސާން ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނީ އަމިއްލަ ދިފާއުގައި ކަމަށް ހިސާން ވިދާޅުވިއެވެ. އެމްޑީޕީގެ މެންބަރަކު އިސްވެ އެއްވެސް ހަމަނުޖެހުމެއް ހިންގި މަންޒަރެއް ފެނިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެމްޑީޕީން ނިންމީ ސަރުކާރު ހުއްޓުވާލަން ނޫން ކަމަށާއި ރުހުން ނުދިނުމަށް ނިންމީ ހަތަރު ވަޒީރަކަށް ކަމަށެވެ. ބާކީ 18 ވަޒީރުންނަށް ރުހުން ދިނުމާއިމެދު ފެންނަ ގޮތަކަށް ވޯޓު ދިނުމަށް އެމްޑީޕީން ވަނީ ފްރީ ވިޕެއް ނެރެފައި ކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ހުއްޓުމަކަށް އަންނާނެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.