އިހަވަންދިއްޕޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެބިނެޓުން ނިންމެވި ކަންކަމުގެ މައުލޫމާތުދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކެބިނެޓުން ވަނީ އިހަވަންދިއްޕޮޅަކީ ސްޕެޝަން އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅައިފައި ކަމަށެވެ. އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ މަޝްރޫއުގެ މާސްޓާ ޑިވެލޮޕަރުގެ ގޮތުގައި ކެބިނެޓުން ހަމަޖައްސާފައިވަނީ އަލަށް އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކެބިނެޓުން ވަނީ އިހަންވަންދިއްޕޮޅު ތަރައްގީކުރުމުގެ ހުރިހާ ރައިޓްސްއެއް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަށް ދީފައި ކަމަށެވެ.
އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް "އައިހަވަން"ގެ ނަމުގައި މަޝްރޫއެއް ފެށިއެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ އިހަވަންދިއްޕޮޅު، ހާއްސަ އިގުތިސޯދީ ސަރަހަދެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި، ބޮޑެތި މަޝްރޫއުތަކެއް އިއުލާންކޮށް، ބައެއް މަޝްރޫއުތަކުގެ މަސައްކަތް ވެސް ފަށައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ވަނީ އިހަވަންދިއްޕޮޅު ތަރައްގީކުރަން ނިންމައިފައެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ލ. ގާދޫ ކައިރީގައި ތަރައްގީ ކުރާ ކޮމާޝަލް ޕޯޓާއި އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓުގެ ޕްރޮޖެކްޓާއި މާލޭގެ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު