ދުބާއީ އާއި ތައިލެންޑުގެ ބެންކޮކުގެ ހޮސްޕިޓަލުތަކުން އާސަންދަ ހަމަޖައްސެމުގެ މަސައްކަތް ސަރުކާރުން ފެށުމުން އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާމިގިލީ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޗައިނާ ދަތުރުފުޅަށްފަހު، އެނބުރި ރާއްޖެ ވަޑައިގެން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތައް ޖޭޕީން ބަލައި ނުގަންނަ ކަމަށެވެ.
އެކަން އިތުރަށް ތިލަކޮށްދެއްވައި ގާސިމް ވިދާޅުވީ، އިންޑިއާއާ އޮތް ގުޅުން ހީނަރުވާ ގޮތަށް ރައީސްގެ ވާހަކަފުޅު ހުރުމަކީ ގޯހެއް ކަމަށެވެ. އެގޮތުން މީގެ ކުރިން ބޭސްވެރިކަމަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ދުބާއީއާއި ބެކްކޮކަށް ބޭހަށް ފޮނުވުމަކީ ގޯހެއް ކަމަށް ވިދާޅުވިއެވެ.
"ބޭހަށް މީހުން ފޮނުވުމުގައި ދުބާއީއާއި ބެކްކޮކަކީ މާ ރަނގަޅު ތަންތަން ކަމަށް މިހާރު މިދާ ގައުމުތަކަށް ވުރެ. އަޅުގަނޑު ދަންނަވާނީ އެއީ ގޯހެކޭ، ވަރަށް ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ އެއީ ގޯހެކޭ. އިންޑިއާ، އެ ފީލްޑުގައި (ބޭސްވެރިކަމުގައި) މާކުރީގައި އޮތީ. އެ ބޭފުޅުން (ދުބާއީ އަދި ބެކްކޮކް) ހަމަ އެއްގޮތަަކަށްވެސް އިންޑިއާގައި ތިބި ޑޮކްޓަރުންނާއި އަދި ފެސިލިޓީސް ޖަހާ ލެވޭ ވަރަށް އެ ބޭފުޅުން ތަރައްގީއެއްވެސް ނޫން، އަދި ކިއެއްތަ އެ ބޭފުޅުންނަށް (އިންޑިއާ) އަށް ވުރެ 80 ޕަސަންޓު އަގުބޮޑު މިއިން ކޮންމެ ތަނެއްވެސް، ދެރަ ހިދުމަތެއް،" ގާސިމް ވިދާޅުވިއެވެ.
ޔޫރަޕުން އިންޑިއާގެ ބޭސް ގެންނަކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، އިންޑިއާއިން ބޭސް އެތެރެކުރުން މަދުކޮށް ޔޫރަޕަށް ބަރޯސާވުމަކީވެސް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ، ރައްޔިތުން އެދޭ ނަމަ ދުބާއީ އާއި ބެކްކޮކުގެ ވަކި ހޮސްޕިޓަލުތަކަކުން އާސަންދަ ހަމަޖައްސައިދޭން ޖެހޭ ކަމަށާއި ނަމަވެސް ވަކި ގައުމެއްގެ ގުޅުން ހީނަރުވާ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
"ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެދެމުން އެބަދޭ ޔޫރަޕުންނާއި އެމެރިކާއިން ބޭސްފަރުވާ ގެނައުމަށް. އަދި އިންޑިއާއަށް އާސަންދައަށް މީހުން ދާހެން ބެންކޮކަށާއި ދުބާއީއަށް ބޭސްފަރުވާއަށްދާ ދިވެހީންނަށްވެސް ބޭސްފަރުވާ ކުރެވޭނެ އާސަންދަ ލިބޭނެ ގޮތް ހެދުމަށް. އެއީ އަޅުގަނޑު ނަމަ އަޅުގަނޑު ދަންނަވަން އޮތީ ރައްޔިތުން އެ އެދޭ ފަދައިން މިހާރު އާސަންދަ ލިބޭ ގައުމުތަކެކޭ އެއްގޮތަށް ދުބާއީއަށާއި އަދި ބެންކޮކަށްދާ މީހުންނަށްވެސް ވަކި ހޮސްޕިޓަލުތަކަކުން އެ ހިދުމަތް ލިބޭނެ ގޮތް އަޅުގަނޑު ހަދައިދޭނަމޭ. އަޅުގަނޑު އެދޭ ގޮތަކީ ރައީސް މުއިއްޒުވެސް އެހެން އެކަން އިސްލާހުކޮށްދިނުން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރާއްޖެއަކީ ބައެއްގެ ބެކްޔާޑުގައި އޮތް ބައެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން ވަކި ބައެއް ނިސްބަތްވާ ކަމަށާއި ބުލީ ކުރެވޭނެ ބައެއް ނޫންކަމަށް ވިދާޅުވުމުންވެސް ވަކި ބަޔަކަށް ނިސްބަތްވާ ކަމަށާއި އެއީވެސް ގޯހެއް ކަމަށެވެ.
"އަޅުގަނޑު އެދެން ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެން އެ ދެއްވި އިންޓަވިއުގައި ދެއްކި ވާހަކަފުޅުން މި ދެންނެވި ދެތިން ހަތަރު ޕޮއިންޓަށް ހަމަ ފޯމަލްކޮށް އިންޑިއާ ސަރުކާރުންނާއި ޕްރައިމް މިނިސްޓަރު މޯދީގެ އަރިހުން މައާފަށް އެދިވަޑައިގަތުމަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބޭރުގެ ސިފައިން ބައިތިއްބައިގެން ނުވާނެ ކަމަށާއި ރާއްޖޭގެ ކަނޑުން ބައެއްވެސް ވިއްކޭނީ ގާނޫނު އަސާސީން ބާރު ލިބިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު