ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފިއެވެ.
ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕީޖީ ގްރޫޕުން އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާފައިވަނީ 23 މެންބަރެއްގެ ސޮޔާއެކުއެވެ.
ޕީޕީއެމް/ޕީއެންސީން ހުށަހެޅި އެ ގަރާރުގައި ބުނީ މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދިނުމަށް ކަމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބާރު ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.
މެމްބަރުން މަސައްކަތް ކުރަންވާނީ އިންތިހާބުވި ދާއިރާތައް ތަމްސީލު ކުރުމަށާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މަސައްކަތްކުރައްވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން ކަމަށް ސަރުކާރު ކޯލިޝަނުން ބުންޏެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކަށް ހިލާފުވާ ގޮތަށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ގަރާރުގައި ބުންޏެވެ.
ގަރާރުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހުރިހާ ވަޒީރުންނަށް މަޖިލީހުގެ ރުހުން ބޭނުންވާނެ ކަމަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައި ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު ކަނޑައެޅި ބަޔާންކޮށްފައިވާ އިރު، ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލައިގައި ރިޔާސަތުގައި އިންނަވައި، އަމަލުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ބ)، (ޅ)، (އ)އާ ހިލާފަށް،" ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕުގެ ގަރާރުގައި ބުންޏެވެ.
އަދި ބުނީ މަޖިލީހުގެ ރައީސް ގަވާއިދާހިލާފަށް އަމަލުކުރެއްވި އިރު، މަޖިލީހުގެ ނައިބު ރައީސް ސަލީމް އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާކަން ކަށަވަރުކުރަން ވެސް ސަލީމް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
"ހޯރަފުށި ދާއިރާގެ އިއްޒަތެރި މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަމަލުކުރައްވާފައިވަނީ، ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި، ގާނޫނުއަސާސީއާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވާގޮތަށް، މަޖިލީހުގެ ދުސްތޫރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާވެސް ހިލާފަށް،" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސްގެ އެ އަމަލުތަކަކީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީގެ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އެހެންވެ މަޖިލީހުގެ ރައީސް އަސްލަމް އެ މަގާމުގައި ދެމިހުރުމަށް ޕީޕީއެމް/ޕީއެންސީގެ ޕީޖީ މެމްބަރުންގެ އިތުބާރު ގެއްލިފައިވާތީ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށަހަޅާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު